ރޭ ގަތަރުގައި ފެށި ވޯލްޑް ކަޕްގެ ފޯރި އާ ދިމާކޮށް އޮޅުވާލައިގެން ފައިސާ ހޯދަން ސްކޭމްތަކެއް ހިންގައިފާނެތީ އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ވޯލްޑް ކަޕްގެ ނަތީޖާ ދިމާކުރުމަށް ކަމަށް ބުނެ ސްކޭމް ލިންކްތަކެއް ދައުރުކޮށްފާނެ ކަމަށައި އެހެން ކަމުން އެކަމަށްޓަކައި ސަމާލުވާން އެދޭ ކަމަށެވެ. އަދި ފުލުހުން ވަނީ އެފަދަ ކަމެއް ފާހަގަކުރެވޭ ނަމަ ހޮޓްލައިން ނަމްބަރު 119 އާއި 332111 އަށް ގުޅައި ހިއްސާކުރަން ވެސް އެދިފައެވެ.

ކުޅިވަރުގެ މުބާރާތްތަކާ ގުޅިގެންނާއި ޕްރޮމޯޝަންތަކާ ގުޅިގެންވެސް އޮޅުވާލައިގެން ފައިސާ ހޯދަން ސްކޭމްތައް ހިންގާފައިވައިރު ގިނަ އަދަދެއްގެ ފައިސާ ވަނީ މީހުންގެ އަތުން ހޯދާފައެވެ.

މީގެ އިތުރުން ފޮޓޯތަކެއް ފެންނާނެ ކަމަށް ބުނެ ސްކޭމް ލިންކުތައް ފޮނުވުމުގެ މައްސަލަވެސް ބޮޑުވެފައިވާއިރު ދާދިފަހުން މާލޭގައި ހިނގި އަލިފާނުގައި ހާދިސާއާ ގުޅިގެންވެސް އަލިފާނުގެ ހާދިސާ ހިނގި ގޮތާއި މަރުވި މީހުންގެ ފޮޓޯތައް ފެންނަ ކަމަށްބުނެވެސް ލިންކުތަކެއް ވަނީ ދައުރުވެފައެވެ.