2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް މުބާރާތް ރޭ ގަތަރުގައި ފެށި އިރު މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނުގެ އާޔަތެއް ކިޔާ އޭނގެ މާނަ ގެނެސްދިން ޣާނިމް އަލް މުފްތާހް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ. ހާއްސަކޮށް ހޮލީވުޑްގެ މަޝްހޫރު ތަރި މޯގަން ފްރީމަންއާއެކު ސްޓޭޖްމަތުން ފެނުނު ޣާނިމްގެ ފަރިތަ ކަމާއި ހުށަހެޅުމުގެ ހުނަރަށް ގިނަ ބަޔަކު ތައުރީފުކުރިއެވެ.

ޣާނިމް އަލް މުފްތާހަކީ ކާކު؟

2002 ވަނަ އަހަރުގެ މޭއި މަހު އުފަން ވީ ޣާނިމްއަކީ ގަތަރުގެ މަޝްހޫރު ޔޫޓިއުބާއެކެވެ. ޣާނިމް އުފަންވީ އިރު ވެސް އޭނާ ވަނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ކައުޑަލް ރިގްރެޝަން ސިންޑްރޯމް (ސީޑީއެސް)ގެ ޝިކާރައަކަށްވެފައެވެ. މި ބައްޔަކީ ބަލި ޖެހޭ މީހާގެ އުނަގަނޑުން ތިރީގެ ގުނަވަންތައް ބަލިކަށިކޮށް މުޅިން އުފެދުން ހުއްޓާލާ ފަދަ ބައްޔެކެވެ. ހާއްސަކޮށް މައިބަނދަ ރަނގަޅަށް އުފެދުން ހުއްޓާލާ އިރު މި ބައްޔަށް އުފަންވާ ކުދިންނަށް އެވްރެޖްކޮށް އުޅެވަނީ އުމުރުން 15 އަހަރުވަންދެނެވެ. ޣާނިމްއަށް ވެސް މިފަދަ މާޔޫސް ހަބަރުތަކެއް ޑޮކްޓަރުން ދިން އިރު ޣާނިމް މިވަނީ ޑޮކްޓަރުންގެ މި އަންދާޒާ ދޮގުކޮށްފައެވެ.

ޣާނިމްއަކީ އާންމުކޮށް ނުފެންނަ ބައްޔެއް ކަމަށްވާ ސީޑީއެސްގެ ޝިކާރައަކަށްވެފައިވާ ޒުވާނެއް/ފޮޓޯ: ޢާނިމް.އޯގް

ޣާނިމްއަކީ ގަތަރުގެ އެންމެ ޒުވާން ވިޔަފާރިވެރިޔާ

ސީޑީއެސްގެ ސަބަބުން ކޮންމެ އަހަރަކު ޣާނިމް ޔޫރަޕުން ސިއްހީ ފަރުވާއާ އެކި އެކި ސާޖަރީތައް ހަދަން ޖެހޭ އިރު މީގެން އެއްވެސް ކަމަކުން ދިރިއުޅުމަށް ބުރޫ އެރުނަކު އޭނާ ނުދެއެވެ. މިގޮތުން، ޣާނިމް އަލް މުފްތާހް އަކީ ގަތަރުގެ އެންމެ ޒުވާން ވިޔަފާރިވެރިޔާއެވެ. މިގޮތުން 'ޣަރީސާ އައިސް ކްރީމް' ނަމަކަށް ކިޔާ ބްރޭންޑެއްގެ އައިސްކްރީމެއް އޭނާ އުފައްދާފައިވާ އިރު މި އައިސްކްރީމް ވިއްކުމަށް ހަ ފިހާރައެއް މިހާރު ވަނީ ހުޅުވާފައެވެ. އަދި ޣާނިމްގެ ބެލުމުގެ ދަށުން 60 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

ޣާނިމް އެންމެ ޝައުގުވެރިވަނީ ކުޅިވަރުގެ އެކި ހަރަކާތްތަކަށް

ދުނިޔޭގެ ލޮލަށް ޣާނިމް އަކީ ނުކުޅުންތެރިކަން ހުންނަ ޒުވާނެއް ހެން ފެނުނަސް ޣާނިމް އަކީ އެއުމުރުގެ އެހެން ގިނަ ޒުވާނުން ހެން ކުޅިވަރާއި މަޖާ ކުރުމަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. މިގޮތުން، ފެތުމާއި، ސްކޫބާ ޑައިވިންގް، ހައިކްކުރުން، އަދި ސްކޭޓްބޯޑު ދުއްވުމަކީ އޭނާ އެންމެ ކުރާ ހިތްވާ ކަންކަމެވެ. ޣާނިމް ބުނި ގޮތުގައި އޭނާ ކުޑަ އިރު ގޭ ކައިރި ރައްޓެހިންނާއި އެކު ފުޓްބޯޅަ ކުޅެވެސް ހެދި ކަމަށެވެ. އެހެން ކުދިން ބޯޅަ ފަހަތުން ދުވެ ހަދާ އިރު ޣާނިމް ވެސް އެކުދިންނާއި އެއްވަރަށް ދުވެއެވެ. ތަފާތަކީ ޣާނިމް ބޫޓު ލައްވާފައިވަނީ އޭނާގެ އަތަށެވެ. އަދި އޭނާ ދުވެ ހެދީ އަތްމަތީގައެވެ.

ފެތުމަކީ ޣާނިމް އެންމެ ކުރާ ހިތްވާ އެއް ކަންތައް/ފޮޓޯ: ޣާނިމް.އޯގް

ފީފާ އެމްބެސެޑަރު

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ފުރިހަމަ ހުށަހެޅުމެއް ދިން ޣާނިމް އަކީ ފީފާ ވޯލްޑްކަޕް އެމްސެޑަރެވެ. މިއަހަރުގެ އޭޕްރިލް މަހު ފީފާގެ އެމްބެސަޑަރުކަން އޭނާއަށް ދިން އިރު ޣާނިމް ބުނަނީ މިއީ ދުނިޔޭގެ އެކި ގައުމުގެ އެކި އުމުރުގެ އެކި ރޭސްތަކުގެ މީހުންނާއި އެކު މަސައްކަތް ކުރުމަށް އޭނާއަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ފުޓްބޯޅަ ކުޅުމަށް ޣާނިމް އަބަދުވެސް ލޯބިކުރޭ/ފޮޓޯ: ޣާނިމް.އޯގް

ޣާނިމްގެ ހުށަހެޅުމާއި ގަތަރުގެ ފުރިހަމަ ހުޅުވުމުގެ ރަސްމިއްޔާތު

ރޭ ގަތަރުގައި ފެށި ވޯލްޑްކަޕް މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު އިނގިރޭސިވިލާތުގެ ބީބީސީން ލައިވްކޮށް ނުދައްކައެވެ. މުސްލިމް ގައުމެއްގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ބާއްވާތީ ހުޅަނގުގެ މީޑިއާއިން މިކަމާ ދެކޮޅަށް އެކި ގޮތް ގޮތުން ޕްރޮޕަގެންޑާ ފަތުރަމުންދާ އިރު ރޭގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނުނީ ނަސްލީ ތަފާތުކުރުންތަކާ ބާކީ ކުރުންތައް ނައްތާލަން ގޮވާލާ ހުށަހެޅުމެކެވެ. ރަސްމިއްޔާތުގެ މައި ހުށަހެޅުންތެރިއަކީ އެމެރިކާގެ ކަޅު ނަސްލުގެ އެކްޓަރެއް ކަމަށްވާ މޯގަން ފްރީމަން ކަމަށްވީ އިރު ސައުތް ކޮރެއާގެ މަޝްހޫރު ބޭންޑް ބީޓީއެސްގެ ޖަންގް ކުކް ވެސް ދިނީ ސުލްހަވެރިކަމާއި އެއްބައިވަންތަ ކަމުގެ މެސެޖެކެވެ.

ރޭގެ ރަސްމިއްޔާތުގައި މޯގަން ފްރީމަން (ވ) އަދި ބީޓީއެސްގެ ޖަންގް ކުކް ވެސް ފެނިގެން ދިޔަ/ފޮޓޯ: ގޯލް

ދެން އޮތީ ޣާނިމްގެ ހުށަހެޅުމެވެ. ޣާނިމް ކިޔާ ދިނީ މިއުއްމަތަށް އަލިކަމެއްގެ ގޮތުގައި ބާއްވާލެއްވި ކީރިތި ޤުރުއާނުން އާޔަތެއްގެ މާނައެވެ. ސޫރަތުލް ހުޖްރަތުގެ 13 ވަނަ އަޔާތާއި މާނަ ޣާނިމް ރޭ ކިޔާ ދިން އިރު މިއީ އަދުގެ ތަފާތުކުރުންތަކާއި ކޯޅުންތައް ނައްތާލަން ބާރު އަޅާފަދަ ހިކްމަތްތެރި އާޔަތެކެވެ.

"يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ" (ސޫރަތުލް ހުޖުރަތް، 13 ވަނަ އާޔަތް)

މާނައީ:އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތި މަންރަސްކަލާނގެ ތި ޔަބައި މީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. އަދި ތިމަންރަސްކަނލާގެ ތިޔަބައިމީހުން ތަފާތު ގައުމުތަކަށާއި ގަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ތައާރަފްވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ހަޒްރަތުގައި ތިޔަބައިމީހުން ކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންގެ ކުރެ އެންމެ ތަގްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގަންނަވާ ހަބީރުވަންތަ ރަސްކަލާނގެއެވެ.