ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ދިރިއުޅޭ މައިންނަށް އެހީވެދިނުމުގައި ނަމޫނާ ދައްކަމުން އަންނަ މަމްސް ޖަމިއްޔާއިން އަނެއްކާވެސް 7 ދަރިންނާ އެކު ދިރިއުޅެމުން އަންނަ ނާދިޔާއަށް އެހީވުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

ނާދިޔާ އަކީ އެންމެ ކުޑައިރުންސުރެ ވެސް ވަރަށް ނިކަމެތި ދިރިއުޅުމެއް އުޅެމުން އައި މީހެއް ކަމުން އޭނާ އާއި އެއްބަނޑަށް ތިބި ކުދިންނަށް ރަނގަޅު ތައުލީމެއް ނުލިބި ޅައުމުރުގައި ކައިވެނި ކޮށް އަމިއްލަ ދިރިއުޅުމެއް ފަށަން މަޖުބޫރުވިއެވެ. އެގޮތުން އަލަތު ކައިވެންޏެއް ކޮށް މިހާރު އެ ކައިވެންޏަށް 7 ދަރިން ލިބިފައިވާ އިރު އެ ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. ހަރަދުތައް ބޮޑު ވެ ދިރިއުޅުމުގައި އެ އާއިލާ އަންނަނީ ހިތްދަތި ދުވަސްތަކެއް ހޭދަ ކުރަމުންނެވެ.

އުމުރުން 15 އަހަރުން ދަށުގެ 7 ދަރިން ތިބި އިރު އެއީ ފިރިހެން 2 ކުދިންނާއި އަންހެން 5 ކުދިންނެވެ. ފިރިހެން ކުދިންގެ އުމުރަކީ 10 އަހަރާއި 13 އަހަރެވެ. އަންހެން ކުދިންގެ އުމުރަކީ 1, 4, 6, 8 އަދި 15 އަހަރެވެ.

"ގޭގައި އޮންނަނީ އެންމެ ގޮދަޑިއެއް، އޭގައި ޖެހި ފިތިގެން ހަގަށްތިބި 4 ކުދިން ނިދާއިރު ބޮޑަށް ތިބި 3 ކުދިންނާއި އަޅުގަނޑު އޮންނަނީ ތަޅުންގަނޑުގަ. ކުދިން އެހާލުގައި ނިދަން ޖެހުމުން ގައިގަ ރިއްސާތީ އާ އެންމެން ތޮއްޖެހިގެން ތިބޭއިރު ހޫނުގަދަވެ ނުނިދިގެން ރޮއެ ފުރޮޅޭ މަންޒަރު ކޮންމެ ރެޔަކު ބަލަން އަޅުގަނޑުގެ މައި ލަގޮނޑިއަށް ކެތެއް ނުވޭ"
ނާދިޔާ

ނާދިޔާގެ އާއިލާ މިހާރު ދިރިއުޅެމުން ދަނީ އޭނާގެ ފިރިމީހާއަށް ލިބިފައިވާ ގޯތީގައި ޓިނާއި ގަލުން ހަދާފައިވާ 12 ފޫޓާއި 14 ފޫޓުގެ އެންމެ ކޮޓަރިއަކާއި، ބަދިގެއެއް އަދި ފެންޑާއެއް ހިމެނޭ ގޮތަށް އިން ކުޑަ ތަންކޮޅެއް ގައެވެ. ކައިވެންޏަށް 17 އަހަރުވެގެން ދިޔަ އިރު ނާދިޔާމެން އެ ގޯއްޗަށް ބަދަލުވި ހިސާބުން ވެސް އޭނާ ވަނީ އެ ދިރިއުޅުން އާރާސްތު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ތުއްތު ކުދިންތަކެއް ގޮވައިގެން ވަލަށް ގޮސް ފަން ހޮވައި ފަންވިއެ އެ ވިއްކައިގެން ނާދިޔާ ދިޔައީ ކުދިންގެ ހަރަދުތަށް ފޫބެއްދުމަށް މަސައްކަތް ކުރަމުންނެވެ. ފިރިމީހާގެ ބަލި ހާލަތު ހުރި ގޮތުން ކުރަމުން އައި މަސައްކަތް ހުއްޓާލުމަށްފަހު އެތަށް ދުވަހަކު ގޭގައި މަޑުކުރަންޖެހުމުގެ ސަބަބުން އާއިލާގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ.

ނާދިޔާ އާއި އޭނާގެ ހަތް ދަރިން ނިދާ ތަންމަތި
"ކޮޓަރީގައި އަދިމިވަނީ ދޮރެއްވެސް ހަރުކޮށްލެވޭނެ ވަރު ނުވެފަ. ފިރިމީހާއަކީ ވެސް މަސްވެރިއެއްކަމުން ގޭގައި ހުންނަނީ މަދު ފަހަރަކު. މިފަދަ ޒަމާނެއްގައި ކުދިން އެކަނި ބައިތިއްބާފަ ކައިރި ތަނަކަށްދާންވެސް ބިރުގަނޭ. އެކުދިންގެ ރައްކާތެރިކަމާއިމެދު އަބަދުވެސް ވިސްނާ ފިކުރު ކުރެވޭ."
ނާދިޔާ

މަމްސް ޖަމިއްޔާއިން ވަނީ ނާދިޔާއާ ބައްދަލުކޮށް އޭނާގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އޭނާ ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށްފައެވެ. ނާދިޔާމެން ދިރިއުޅުމުން ފެނުނީ ހިތްފަޅައިގެންދާ ފަދަ މަންޒަރުތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 7 ކުދިންނާއި ދެމަފިރިން އުޅޭ އެގޭގައި ނިދަން އޮންނަނީ އެންމެ ގޮދަޑިއެކެވެ. ގިނަ ދުވަސްވެ ތުނިވެފައިވާ އެ ގޮދަޑިއާއެކު އެމީހުން ބޭނުންކުރާ ބާލީތައް ވެސް ހުރީ ތުނިވެ ތަރަވެފައެވެ. އެ ކޮޓަރީގައި ސީލިންގް ނެތް އިރު ކޮޓަރީގައި އަލާފައި އޮތް ތަރުފާލުގަނޑު ވެސް އޮތީ ވީދި ހަލާކުވެފައެވެ. ނަމަވެސް އެ ތަނުގައި ތުނި ފިލާ އަލާފައި ހުއްޓެވެ. އެއްބަޔަކު ގޮދަޑީގައި ނިދާ އިރު އަނެއް ބަޔަކު ނިދަމުން އަންނަނީ އެ ތުނި ފިލާތައް އަޅާފައި ހުންނަ ތަނުގައެވެ. އަދި އެ ކުދިންގެ ބައްޕަ ނިދަމުން އަންނަނީ އެގޭގެ ބޭރު ގުދަން ބައިގައި ހުންނަ ކުޑަ އެނދެއްގައެވެ.

ނާދިޔާ މެން ދިރިއުޅޭ ގޭގައި ހުންނަ ކޮޓަރީގައި ދޮރެއް ނުހުރެއެވެ. އެ ގޭގެ ފާހާނާވެސް ހުންނަނީ ގެއާ ދުރުގައެވެ. އަދި އެ ފާހާނާގައި ވެސް ތަޅެއް ވެސް ނުހުރެއެވެ. އަދި އެ ފާހާނާގެ ޖަންގްޝަން ހަލާކުވެފައި ހުރުމުން ވިއްސާރަޔަސް ދަންވަރަކަށް ކުދިން ފާހާނާ ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ކުދިން ގޮވައިގެން އޭނާއަށް ދާން ޖެހެނީ ގޮނޑުދޮށަށެވެ.

ނާދިޔާ ދިރިއުޅޭ ގޭގެ ބަދިގެ

އެގޭގ ބަދިގެއަށް ބަލާލާއިރު ބަދީގޭގައި ބޭޏުންކުރާ ސާމާނާއި ތަކެތި ރައްކާކޮށް ބެހެއްޓޭނެ ގޮތެއް ނެތެވެ. ކައްކަން ގެންގުޅޭ ގޭސްފުޅި މޭޒެއްގެ ދޮށުގައި ހާމައަށް ބަހައްޓާފައި ހުންނަ އިރު އެގޭގައި ރަނގަޅަށް ހުރި އެންމެ ފަރުނީޗަރެއްވެސް ނެތެވެ. ކުދިން ކިޔަވަން ގެންގުޅޭ ފޮތާއި ލައި އުޅޭ އަންނައުނު ރައްކާކޮށް ބެހެއްޓޭނެ ފަރުނީޗަރެއް ނެތުމުން އެތަކެތި ބަހައްތާފައި ހުންނަނީ ކަރުދާސް ފޮށިގަނޑުތަކެއްގައެވެ.

މިނިކަމެތި ދިރިއުޅުމުގެ ތެރެއިން ނާދިޔާއަށް އެންމެ ބޮޑު ދަތިކަމާއި ކުރިމަތިލާން ޖެހެނީ ފުރާޅު ހަލާކުވެފައި ހުރުމުގެ ސަބަބުން ވިއްސާރަވެހޭ ދުވަސްދުވަހުއެވެ. އެފަދަ ދުވަސްތަކުގައި އެގޭތެރެ ފެންބޮޑުވެ ކުދިންގެ ކިޔަވާ ސާމާނާއި ގޭތެރޭގައި ގެންގުޅޭ އެހެނިހެން ހިފައި ގެންގުޅޭ ތަކެތި ބޭނުން ނުކުރެެވޭ ވަރަށް ހަލާކުވާ ފަހަރު އާދެއެވެ. އަދި ރަނގަޅު ފެންވަރެއްގައި ގޭގެ ކަރަންޓު ވަޔަރިން ކުރެވިފައި ނެތުމުން ދޭތެރެއަކުން ކަރަންޓުގޮސް އެތައް ރެޔަކުު ކަނު އަނދިރީގައި ކުދިން ގޮވައިގެން ތިބެން ޖެހެއެވެ.

ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް ރަނގަޅު ރައްކާތެރި މާހައުލެއް ދަރިންނަށް ހޯދައި ދިނުމަށް ނުކުޅެދިފައިވާ އިރު ނަޑިޔާ ކަންބިޑުވާ ގިން ކަންތައްތަކެއް ހުރެއެވެ. އޭނާގެ ދަރިންގެ ތެރެއިން ދޮށްޓަށް ތިބި ދެ ކުދިން ނޭވާ ހިއްލާ އިރު، އެ ހާލުގައި އެތަނުގައި އެޅެން ޖެހުމުން އެ ކުދިންގެ ސިއްހީ ހާލަތުވެސް ބަލިކަށިވަމުންދާ ކަމަށް ނާދިޔާ ބުނެއެވެ.

ނާދިޔާ ދިރިއުޅޭ ގޭގެ ހާލަތު

ނާދިޔާގެ އާއިލާއަށް އެހީ ވުމަށް މަމްސް ޖަމިއްޔާ އިން މި ވަނީ އާންމުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ. ނާދިޔާގެ ހިތްދަތި އަނދިރިކަން ވެފައިވާ އެ ދިރިއުޅުމަށް އަލިކަމެއް ހޯދައިދިނުމަށް ފަންޑް ރެއިސް ކުރުމަށް ހިންގާ މި ކެމްޕޭނުން ލިބޭ ފައިސާ ހޭދަ ކުރާނީ، އެމީހުން ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެ ގޮތުން ފާރުރޭނުން، ސިމެންތިޖެހުން، ކުލަލުން، ސީލިންގް ކުރުން، ތަޅުން އެއްވަރުކޮށް ތަރުފާލު އެޅުން، ޖަންކްޝަން ރަނގަޅު ކުރުން، ކަރަންޓް ވައިރިން ރަނގަޅުކުރުން، ފާހާނާ މަރާމާތް ކުރުން، ގޭގައި ދޮރު ހަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ވެސް އެ އާއިލާއަށް ގެއްލިފައިވާ އުފާވެރިކަން ހޯދައި ދިނުމަށް އެ ކުދިންނަށް ނިދުމަށް ކޮންމެހެން ބޭނުންވެފައިވާ ތަންމަތި، ފަރުނީޗަރު، ކުދިންނައް ބޭނުންވާ އަންނައުނު، ކިޔަވާ ސާމާނު، ކެއްކުމަށް ބޭނުންވާ ތަކެތި އަދި ރީތިވާ އެއްޗެހި ފަދަ އާންމު ދިރިއުޅުމުގައި ބޭނުންޖެހޭ ތަކެތި ފޯރުކޮށް ދިނުމަށް ވެސް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ.

https://www.facebook.com/MOMSMV/photos/a.1830709080287232/5913639648660801/?type=3

މީގެ ކުރިން ވެސް މަމްސް ޖަމިއްޔާއިން ވަނީ ދަރިން ގޮވައިގެން ހާލުގައި ދިރިއުޅެމުން އަންނަ މައިންނަށް އެހީތެރިކަން ފޯރުކޮށް ދީފައެވެ. އަމިއްލަ ގެ ނުހެދިފައި ތިބި އާއިލާތަކަށް ގެ ހަދައިދިނުމާއި ގޭގައި ބޭނުންކުރާ ޒަރޫރީ ސާމާނުތައް ހޯދައިދިނުމަށް ވެސް އާންމުގެ އެހީތެރިކަން ހޯދައިގެން އެފަދަ އާއިލާތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް މަމްސް ޖަމިއްޔާއިން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފައެވެ.

އެކައުންޓް ނަންބަރު: 7730000294482

އެކައުންޓް ނަން: މަމްސް

މިއަދު ނާދިޔާއަށް އެހީތެރިކަން ފޯރުކޮށް އޭނާގެ 7 ދަރިންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދިނުމަށްޓަކައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މަމްސް އެކައުންޓަށް ރުފިޔާ ޖަމާކުރެއްވުމަށް ފަހު ސްލިޕް ފޭސްބުކް ޕޭޖަށް ފޮނުވާލަ ދިނުމަށް މަމްސް ޖަމިއްޔާއިން ބުނެއެވެ.