އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވަކިކުރި މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކޮށްފައިވަނީ މިމަހު ކުރީކޮޅުގައެވެ. އަދި އެމަގާމު ވަގުތީ ގޮތުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ވަނީ ހަމަޖައްސާފައެވެ.

ޝުޖާއުގެ ފަރާތުން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާއިރު އެ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެދޭން އޭނާ ވަނީ އެދިފައެވެ. އެމައްސަލާގައި ޓްރިނިއުނަލް އިން މިއަދު ނެރުނު އަމުރުގައި ބުނީ، އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެވޭނީ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު ކަމަށާއި އެހެން ކަމުން އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަ ނިމެންދެން، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށް ވަނީ އަންގާފައެވެ. އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ވަކިކޮށް އެންއައިއީއަށް ބަދަލު ކުރި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރުމަށް އިދާރީ ގޮތުން ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން

ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޝުޖާއު މަގާމުން ވަކިކޮށްފައި ވަނީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ނުހުއްޓުވައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

1000 އެއްހާ ދަރިވަރުން ކިޔަވަމުން ދިޔަ (އަމީނިއްޔާ ކުރިމަތީގައި ހުރި އިމާރާތް) އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. އެހެންނަމަވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އަރަބިއްޔާ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

މިނިސްޓްރީއިން ބުނީ އަރަބިއްޔާގެ ސްކޫލު އިމާރާތް ކުރެވިގެން ދާނީ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ކަމަށާއި ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތް ކުރެވިގެން ދާނީ 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތަކާއި އެކު ހެދިގެން ދާނެ ކަމަށެވެ.

މީގެއިތުރުން ސްކޫލްގެ މުވައްޒަފުންގެ ފާކުކުރުމަށް ފާކިން އޭރިއާއެއް ޑިޒައިންގައި ހިމެނޭނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

އަމީން ކޮންސްޓްރަކްޝަނާ އަރަބިއްޔާ ސްކޫލް އާ އިމާރާތުގެ މަސައްކަތަށް ހަވާލުކޮށްފައި ވަނީ 168 މިލިއަން ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިނިސްޓްރީއިން ބުނީ އެ އިމާރާތް ނިމުމުން އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވޭނެ ކަމަށެވެ.