މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ނިމުނު އިރު އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބުނެވެ.

ނަތީޖާތައް ދައްކާ ގޮތުން، އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ކުރީގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ލީޑް ކުރައްވާ އިދިކޮޅު ކޯލިޝަނަށެވެ. އެ ކޯލިޝަނުން ވަނީ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 82 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ކޯލިޝަނުންނެވެ. އެ ކޯލިޝަނަށް 73 ގޮނޑި ލިބިފައި ވެއެވެ.

ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ސަރަވަކްގެ ބޯނިއޯ ސްޓޭޓުގައި ވޯޓުލާފައި ނުވި ނަމަވެސް، މި ނަތީޖާ އާ އެކު އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތު ނުލިބުމުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ދެ ކޯލީޝަނަށްވެސް ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މި ދެ ކޯލިޝަނުން ވެރިކަމަށް އައުމަށްޓަކައި މިހާރުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީގެ ކޯލިޝަނާ ވާހަކަ ދެއްކުމުގެ ފުރުސަތު ބޮޑުކަމަށް ހަބަރުތައް ބުނެއެވެ. އޭނާގެ ކޯލީޝަނަށް ވަނީ 30 ގޮނޑި ލިބިފައެވެ. މިއީ ވެރިކަން ހިންގާ ބަރިސަން ނެޝަނަލް އާއި ޔުނައިޓެޑް މެލޭސް ނަޝަނަލް އޯގަނައިޒޭޝަނަށް ފާއިތުވި 60 އަހަރު ތެރޭގައިވެސް ނުލިބޭހާ ބޮޑު ނާކާމިޔާބީއެކެވެ.

ކޯލިޝަން މަޝްވަރާތައް މިއަދު ފަށާފައި ވާ އިރު، އެންމެ ގިނަ ގޮނޑި ހޯދި ދެ ކޯލީޝަނުން، އިތުރަށް ވާހަކަ ދައްކަނީ ކޮން ޕާޓީތަކަކާ ކަމެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އަންވަރު ވިދާޅުވެފައި ވަނީ އޭނާގެ ތާއީދު އޮތް ގޮތް ހާމަ ކުރައްވާ ތަފްސީލު ސިޓީއެއް މެލޭޝިއާގެ ރަސްގެފާނު ސުލްތޯން އަބްދުﷲ އަށް ހުށަހަޅުއްވާނެ ކަމަށެވެ.

މުރާސިލުން ބުނާ ގޮތުން، އަންވަރަށް އެކަށީގެންވާ ތާއީދެއް ލިބިވަޑައިގެންފި ނަމަ މިއީ ވަރުގަދަ އެނބުރި އައުމަކަށް ވާނެއެވެ.