މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ޓްރާންސްޕޯޓް މިނިިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިނގި ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެ ރޭ ޝިމާޒަށް ހަމަލާދޭން އުޅުނު މައްސަލަ ރިޕޯޓު ކޮށްފައިވާތީ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޝިޒާމް ވިދާޅުވީ އޭނާއަށް ދިން ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށާއި އެކަން ކުރުމުގެ ކުރިން އެކި ގޮތް ގޮތުން އެތައް އިންޒާރެއް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ވީހާވެސް އަވަހަކަށް ބަލާ މިކަން ކުރި ފަރާތްތަކާއި އަދި އެ ހަމަލާ ދިނުމުގެ އަޑީގައި ތިބި ފަރާތްތައް ހޯދާ ވީހާވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމަށް ޝިމާޒް ވަނީ އެދިލައްވާފައެވެ.

ޝިމާޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސްލޮޓެއްގައެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލޭޓް، ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި ޝިމާޒް ހިމެނޭހެން 6 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ފޮނުވާފައި ވެއެވެ މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ހަދަން ވަސާޖިއޯ އާ ހަވާލުކުރި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާގެ މަގާމު އަދާކުރެއްވީ ޝިމާޒެވެ. ބިޑުގެ މަރުހަލާ ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސްބޭފުޅަކާ ޝިމާޒް ބައްދަލުކުރި ކަމުގެ ތުހުމަތުތައް މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ކުރިއެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް އޭރު ދޮގު ކުރައްވާފައި ވެއެވެ.

ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް އެދި ނަހުލާ ފޮނުއްވާފައިވާ ކަމަށް ބުނާ ސިޓީ އެއް ރައީސް އޮފީހަށް ލިބިފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. މިއުވާން ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ޖެހިއްޖެ ކަމަށް ވާނަމަ، އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެއެވެ.