ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް 2022 މިއަދު ފަށާ އިރު އެންމެ ފަހުގެ ޗެމްޕިއަންސް ފްރާންސްގެ ފޯވަޑް ކަރީމް ބެންޒީމާ އިންޖަރީވެ މުބާރާތުގައި ނުކުޅޭނެކަން ފްރާންސުން ހާމަކޮށްފިއެވެ.

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން ބުނެފައިވަނީ 2022 ވަނަ އަހަރުގެ ބެލަންޑޯ އެވޯޑް ހޯދި ބެންޒީމާއަށް އަނިޔާވެފައިވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ކަމަށާ އޭނާއަށް އަނިޔާ ލިބިފައިވަނީ ފައިގެ ފަލަމަސްގަނޑަށް ކަމަށެވެ. އަދި މި މުބާރާތުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ވެސް ފްރާންސްގެ ގައުމީ ޓީމުން ވަނީ ބުނެފައެވެ.

ބެންޒީމާ އަނިޔާވެފައިވަނީ ފަރިތަކުރުންތަކުގައި/ފޮޓޯޯ: ލެމޯންޑް

34 އަހަރުގެ ފޯވަޑް ބެންޒީމާ ވަނީ 97 މެޗުގައި ފްރާންސްއަށް 37 ލަނޑު ޖަހާދީފައެވެ. މިއީ މުބާރާތުގެ ކުރިން ބޭއްވި ތަމްރީނުތަކުގައި މިގޮތަށް އަނިޔާވެ ޓީމުން ދުރަށް ދާން ޖެހުނު ދެވަނަ ކުޅުންތެރިޔާއެވެ. މިގޮތުން ޖަމާނީގެ ބުންޑަސްލީގާގައި އާރްބީ ލައިޕްޒިގަށް ކުޅޭ ކްރިސްޓޮފާ އުންކުންކޫ ވެސް ވަނީ މިދިޔަ ބުދަ ދުވަހު އަނިޔާވެ ޓީމާ ވަކިވެފައެވެ. އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ހޮވާފާފައިވާ އިރު ހޯމަދުވަހުގެ ކުރިން ބެންޒީމާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ޓީމުން ނަގަން ޖެހޭނެއެވެ.

ގްރޫޕް ޑީގައި އޮތް ފްރާންސް ތަށި ދިފާއުކުރުމަށް ކުރާ މަސައްކަތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހު އޮސްޓްރޭލިޔާއާއި ދެކޮޅަށެވެ.

ސެނެގާލްގެ މާނޭ ވެސް މިމުބާރާތުން ނުފެންނާނެ/ފޮޓޯ: ސްކައި ސްޕޯޓްސް

މީގެ ކުރިން ގައުމުތަކުގެ ލީގުތައް ނިންމާލުމަށް ފަހު ހޫނު މޫސުމުގައި ބާއްވާ ވޯލްޑްކަޕް މުބާރާތް ގަތަރުގައި މިބާއްވަނީ ސީޒަންގެ މެދު ތެރެއިން ފިނި މޫސުމުގައެވެ. ގަތަރަކީ މެދު އިރުމަތީގެ ހޫނު ގަދަ ގައުމެއް ކަމުން މުބާރާތް އަހަރު ނިމޭ ކޮޅަށް ބަދަލުކުރީ މިސަބަބަށްޓަކައެވެ. އެހެން ނަމަވެސް މި މުބާރާތަށް ޖާގަ ދިނުމަށް ގައުމުތަކުގެ ލީގު މެޗުތަކާއި އެހެން މުބާރާތްތަކުގެ މެޗުތައް ފުލުފުލުން ކުޅެފައިވާ އިރު، ގިނަ ކުޅުންތެރިން ވޯލްޑްކަޕަށް މިދަނީ ވަރުބެލިކަން މަތީގައެވެ. އަދި މުބާރާތާއި ކައިރިކޮށް ކުޅުނު ލީގު މެޗުތަކުގައި މުހިންމު ކުޅުންތެރިން ވަނީ އިންޖަރީވެފައެވެ. މީގެ ތެރޭގައި ބަޔާން މިއުނިކްއަށް ކުޅޭ ސެނެގާލްގެ ފޯވަޑް ސާޑިއޯ މާނޭ ހިމެނެއެވެ.