ގާނޫނީ ދާއިރާ އިން ދަސްވެނިފައިވާ 176 ދަރިވަރަކު ބާ އިމްތިހާނު ހަދައި ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.

މިއީ ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނު ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ބާ ކައުންސިލުން ބުނީ، މިއަދު ކުރިއަށް ދިޔަ އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓްރީވި ކެންޑިޑޭޓުންގެ ތެރެއިން 176 މީހަކު އިމްތިހާން ހަދާފައިވާ ކަމަށެވެ. އެއީ ބާ އިމްތިހާނުގައި ރަޖިސްޓްރީވި ކެންޑިޑޭޓުންގެ 98.3 ޕަސެންޓެވެ.

ބޭރުގެ އެކި އިދާރާތަކުގެ އެހީގައި ކުރިއަށް ގެންދިޔަ ބާ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާ އެއް ހިމަނައި، އެ ދާއިރާތަކުން އިނގިރޭސި ބަހާއި ދިވެހި ބަހުން 120 ސުވާލެއް ހިމަނާފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ. އެ ދާއިރާތަކަކީ:

  • ޓޯޓް ލޯ
  • ކްރިމިނަލް ޕްރޮސީޖާ
  • ކޮންސްޓިޓިއުޝަނަލް ލޯ
  • ކޮންޓްރެކްޓް ލޯ
  • ލޭންޑް ލޯ
  • ރާއްޖޭގެ ގާނޫނީ ނިޒާމް

ބާ ކައުންސިލުން ބުނި ގޮތުގައި، އިމްތިހާނުގެ ބައިވެރިންނަށް އެހީތެރިކަން ދިނުމުގެ ގޮތުން، ބައެއް ގާނޫނީ ވަކީލުންގެ އެހީތެރިކަމާ އެކު ލިޔެކިއުންތައް ތައްޔާރުކުރުމާއި، ނަމޫނާ އިމްތިހާނުތައް ދީ، އިމްތިހާނުކުރެވޭ ދާއިރާތަކުން 18 ލެކްޗާ އެއް ދިނުން ފަދަ ކަންކަން ކޮށްފައިވެއެވެ.

2019 ގައި އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ލިބޭނީ އެ ގާނޫނުގައި ބުނެފައިވާ ތަމްރީނާއި ބާ އިމްތިހާން ފުރިިހަމަކުރުމުންނެވެ. ބާ އިމްތިހާނުން ފާސްވެ، ފުރިހަމަކުރަން ޖެހޭ އެ ތަމްރީނުގެ މުއްދަތަކީ އެއް އަހަރު ދުވަހުގެ މުއްދަތެވެ.