އިންޑިއާގެ އާމް އާދަމީ ޕާޓީގެ ލީޑަރު އަދި މިނިސްޓަރު ސްތްޔެންދަރު ޖާއިން، ޖަލުގައި އޮތް އިރު ބާންދީން ލައްވާ ތެޔި ދަމާ. މަސާޖު ކުރާތަން ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އިންޑިއާގެ ތިހާރު ޖަލުގައި މިނިސްޓަރު އޮންނަނީ، ސްޕޮންޖް ގޮދަޑިއެއްގައި އެނދެއްގެ މަތީގައެވެ. އޭނާ އެނދުގައި ކަރުދާސްތަކެއް ހިފައިގެން ކިޔަން އޮންނަ އިރު، ކައިރީގައި އިށީންދެގެން އިންނަ މީހާ މިނިސްޓަރުގެ ފައިގައި ތެޔޮދަމާ، ބޮލާއި ބުރައްކައްޓާ ހިސާބު މަސާޖު ކޮށްދޭތަން ފެނެއެވެ.

ޖަލުގައި މިނިސްޓަރަށް ހާއްސަ ހިދުމަތްތަކެއް ދިން މައްސަލަ ފެންމަތިވެ އިންޑިއާގެ ސިޔާސީ ވާދަވެރިންގެ މެދުގައި ބޮޑު ބަހުސަކަށް ވެ، އެއްފަރާތުން އަނެއް ފަރާތަށް ދަނީ ފާޑުކިޔާ، ސަރުކާރު ބަދުނާމު ކުރަމުންނެވެ.

މިިނިސްޓަރު ތެޔޮ ދަމާ ވީޑިއޯ އާންމު މި ވީ، އެފަދަ ހިދުމަތްތަކެއް ޖަލުތެރޭގައި ދޭ ކަމުގެ ތުހުމަތު ކުރެވި އެ ޖަލު ބަލަހައްޓާ ވެރިޔާ، ސްޕްރިންޓެންޑެންޓް އަޖިތް ކުމާރު ސަސްޕެންޑް ކުރީ ހަފްތާއެއް ނުވަނީހެވެ.

މި މައްސަލަ ދިއްލީ ކޯޓާ ހިސާބަށް އުފުލާފައި ވާ އިރު، ކޯޓުގައި އެޑިޝަނަލް ސޮލިސިތާ ޖެނެރަލް ވިދާޅުވީ، މިނިސްޓަރަށް ހާއްސަ ކެއުންވެސް ދޭ ކަމަށާއި، ކޮން ބައެއްކަން ނޭނގޭ މީހުން، ޖަލުގެ ކާފިއު ގަޑިތަކުން ބޭރުންވެސް ޖަލަށް ވަންނަ ކަމަށެވެ.

މި މައްސަލާގައި ވެރިކަން ހިންގާ މައި ޕާޓީ، ބީޖޭޕީން ވަނީ އާމްއާދަމީ ޕާޓީއަށް ފާޑުކިޔާ، އެމީހުންގެ ޕާޓީގެ ލީޑަރު ވީމާ ހާއްސަ ހިދުމަތްތައް ދެނީކަމަށް ބުނެފައެވެ. ނަމަވެސް މިނިސްޓަރު ޖައިން މަސާޖު ކުރުން ދިފާއު ކުރައްވާ އެޕާޓީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ވިދާލުވެފައި ވަނީ، ޖައިން މަސާޖު ކުރަނީ މައިބަދައިގެން 2 އޮޕަރޭޝަނެއް ކޮށްފައި ހުރުމުން ފިޒިއޮތެރަޕީ ހަދަން ޖެހޭތީ ކަމަށެވެ.

މިހާރު ދިއްލީ ސަރުކާރުން މަސައްކަތް ފަށާފައި ވަނީ ވީޑިއޯތައް ލީކް ވި ގޮތެއް ހޯދުމަށެވެ.

އިންޑިއާ އަކީ ހުރިހާ ދާއިރާއެއްގައި ކޮރަޕްޝަން މޫލާފައި އޮންނަ ގައުމަކަށް ވާއިރު، މިނިސްޓަރު މަސާޖު ކުރި މައްސަލަ އެއްބަޔަކަށް ކަމަކަށް ނުވި ނަމަވެސް، އެ ބަހުސް ވަނީ ސިޔާސީ ފެންޑާތަކަށް ވަދެފައެވެ.