ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ހުޅުމާލެގައި ދެއްކުމުގެ ގޮތުން އެޗްޑީސީއިން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓަން ފަށައިފިއެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި ހިޔާ ސަރަހައްދުގައި އެ ކޯޕަރޭޝަނުން ބަހައްޓާ ސްކްރީން ވެގެންދާނީ މާލެ ސަރަހައްދުގައި ބެހެއްޓޭނެ އެއްމެ ސައިޒުން ބޮޑު ދެ ސްކްރީނަށް ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރީގައި އެއްތަނަކުން ވޯލްޑްކަޕް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިފައިވާ ކަމަށެވެ.
ސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލްއަކީ ސްޓެލްކޯގެ ފަރާތުން ދިން އެއްޗެއް ކަމަށާއި ޕްރިންޓިން ޕާޓްނާގެ ގޮތުގައި ތިންކް އަދި ބެވެރެޖް ޕާޓްނާގެ ގޮތުގައި ކޮކާކޯލާ އަދި ސަޕޯޓިން ޕާޓްނަރުގެ ގޮތުގައި ވެލިގާއިން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ އެޗްޑީސީއިން ބުނީ ބޯޅަ ފޯރީގެ މީޑިއާ ޕާޓްނަރަކީ މިހާރު ނޫސް ކަމަށެވެ.
އެޗްޑީސީއިން ބުނީ ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރެއްކަމުގައިވާ ފުޓް ބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ވޯލްޑް ކަޕް ބެލުގެ އިންތިޒާމް އެ ކޯޕަރޭޝަނުން ކުރަން ނިންމީ ދިވެހިންނަށް ފޯރި ނަގަމުން އެ މުބާރާތް ބަލާލުމަކީ އެކުވެރި މާހައުލެއްގައި ފުޓު ބޯޅައިގެ އީދުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުގެ ގޮތުން ކަމަށެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމަށާއި އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެ ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް ކަމަށް އެޗްޑީސީއިން ބުނެއެވެ.