ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކާ" ގެ 6 ވަނަ ޕްރޮގްރާމް އަންނަ މަހު 1 ގައި ބާއްވަން ނިންމާފިއެވެ.

މަޖިލީހުން ބުނީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ، "އާސްކް ސްޕީކާ"ޕްރޮގްރާމް އޮންނާނީޑިސެމްބަރު 1ވާ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:15ގައި ކަމަށެވެ.

މަޖިލީހުން ބުނީ ޕްރޮގްރާމް ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެންނާނެ ކަމަށެވެ. އެ ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސުވާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރުމަށްފަހު ފޮނުވައިގެންނާއި ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ބުނެއެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.

ސުވާލުކުރާ ފަރާތުގެ ނަމާއި ކުރަން ބޭނުންވާ ސުވާލު ފޮނުވާނީ ޑިސެމްބަރު 1ގެ މެންދުރުފަހު 12 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ކަމަށް މަޖިލީހުން ބުނެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރާއިރު AskSpeaker# ބޭނުން ކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ.

އާސްކް ސްޕީކާގެ 5 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވާއިރު އެންމެ ފަހު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.