ގަތަރުގައި ކުޅޭ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ސީގައި ހިމެނެނީ ހަތަރު ބައްރުގެ ހަތަރު ޓީމެވެ. އެއީ ދެކުނު އެމެރިކާއިން އާޖެންޓީނާ، އުތުރު އެމެރިކާއިން މެކްސިކޯ، އޭޝިޔާއިން ސައުދީ އަރަބިޔާ އަދި ޔޫރަޕުން ޕޮލެންޑެވެ.

އާޖެންޓީނާ

އާޖެންޓީނާގެ ތާރީހުގެ އިތުރުން ދުނިޔޭގެ ތާރިހުގައި ވެސް މިހާތަނަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ވަކާލާތުކުރާ މެސީގެ މިއީ ފަސްވަނަ ވޯލްޑް ކަޕް މުބާރާތެވެ. އަދި ހަގީގަތަކީ މިއީ ވޯލްޑް ކަޕް ތަށި ހޯދަން މެސީއަށް ލިބޭ އެންމެ ފަހު ފުރުސަތަށްވެސް ވުންއެކަށީގެންވެއެވެ. 2021 ވަނަ އަހަރުގެ ކޯޕާ އެމެރިކާ ތަށި އާޖެންޓީނާ ކާމިޔާބުކުރި އިރު ވޯލްޑްކަޕަށް އެގައުމުން ގެންދަނީ ތަޖުރިބާކާރު އެހެން ނަމަވެސް ދުވަސްވީ ސްކޮޑެކެވެ.

އާޖެންޓީނާއަކީ އެންމެ ފަހުގެ ކޯޕާ އެމެރިކާ މުބާރާތުގެ ޗެމްޕިއަން ޓީމް/ފޮޓޯ: ގޫގަލް

ކޯޗު ލައިނަލް ސްކަލޯނީއަށް ޖެހޭނީ މެސީގެ އެންމެ މޮޅު ކުޅުން ދެއްކޭނެ ގޮތަކަށް ޓީމު ރާވާލަންށެވެ.

މެކްސިކޯ

މި ގްރޫޕްގެ ދެވަނަ ހޯދާ ދެން އޮތް ބުރަށް ދާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރަނީ މެކްސިކޯއެވެ. މީގެ ކުރިން މެކްސިކޯއިން ކުޅުނު 8 ވޯލްޑްކަޕް މުބާރާތުގައި ވެސް އެޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައެވެ. މެކްސިކޯއިން އެންމެ ފަހުން ދެވަނަ ބުރަށް ނުގޮސް ކެޓީ 1978 ވަނަ އަހަރެވެ.

މެކްސިކޯއިން އެންމެ ފަހު ކުޅުނު މެޗުގެ ފުރަތަމަ 11/ފޮޓޯ: ޓުވިޓާ

އަޔެކްސްގެ އެޑްސަން އެލަވަރޭޒް ފަދަ ހުނަރުވެރި ކުޅުންތެރިން މެކްސިކޯގެ ޓީމުގައި ހިމެނޭ އިރު އާޖެންޓީނާއާއި މެކްސިކޯ ކުޅޭ މެޗަކީ މި ގްރޫޕްގެ އެންމެ ވާދަވެރި މެޗަށްވާނެއެވެ.

ޕޮލެންޑް

ޕޮލެންޑްގެ ކެޕްޓަން އަދި ފޯވަޑް ރޮބާޓް ލެވެންޑޯސްކީ މި ސީޒަންގައި އާ ކްލަބަކާއި ގުޅުނު ނަމަވެސް އޭނާގެ ގޯލު ޖެހުމަކަށް އެއްވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ވޯލްޑް ކަޕަށް ޕޮލެންޑް ކޮލިފައިވީ އިރު ލެވެންޑޯސްކީ ވަނީ 13 ލަނޑު ޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެ ތެރޭގައި ސުވިޑަންއާ ދެކޮޅަށް ކުޅުނު ޕްލޭއޮފް މެޗުގައި އޭނާ ޖަހާ ދިން ޕެނަލްޓީ ވެސް ހިމެނެއެވެ.

ކުއަލިފައިންގްގައި ލެވެންޑޯސްކީ ވަނީ ޓީމަށް މުހިންމު ލަނޑުތަކެއް ޖަހާ ދީފައި/ ފޮޓޯ: ބަޔާން ސްޓްރައިކް

ޕޮލެންޑަކީ ކުއަލިފައިންގައި އެންމެ ގިނައިން ލަނޑު ޖެހި އެއްޓީމެވެ. މިގޮތުން، އެޓީމުން ޖުމްލަ 33 ލަނޑު ޖެހި އިރު ޔޫރަޕްގައި އެޓީމަށް ވުރެ ގިނައިން ލަނޑު ޖަހާފައިވަނީ އިންގްލޭންޑް، ޖާމަނީ އަދި ނެދަލޭންޑްސެވެ.

ސައުދީ އަރަބިއްޔާ

މިއީ ސައުދީ އަރަބިއްޔާއާ އެހާ ކައިރީގައި ވޯލްޑް ކަޕް ކުޅޭ ފުރަތަމަ ފަހަރުކަމުން އެޓީމުގެ މެޗުތައް ބެލުމަށް ގައުމުގެ ގިނަ ސަޕޯޓަރުންދާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މި މުބާރާތުގައި އެޓީމުން ހައިރާން ކުރުވަނިވި ކާމިޔާބީއެއް ހޯދާނެ ކަމަށް ފުޓްބޯޅަ ޕަންޑިޓުން ނުދެކެއެވެ.

ސައުދީ އަރަބިއްޔާގެ ގައުމީ ފުޓްބޯޅަ ޓީމު/ފޮޓޯ: ގޫގަލް

އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ވޯލްޑްކަޕް މުބާރާތްތަކުގައި ސައުދީ އަރަބިއްޔާއިން މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ތިން މެޗެވެ.