ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް، މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބާއްވަމުންގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއުވާން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި، ވޯޓު ދިން އިރު ރައްޔިތުން އިހްތިޔާރުކުރެއްވި ގޮތަށް ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަށް ރައީސް ސޯލިހު ދެއްވި ކަމަށެވެ.

މިއަދު ސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު، އަޅުގަނޑުމެންނަށް މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން. ސިޔާސީ ކުލަޔަކަށް، ރަށުގެ ސައިޒަށް އާބާދީއަށް، ސަރަހައްދަށް ނުބަލައި، ތަރައްޤީއަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭ އެއްޗަކަށް ވެގެން ހިނގައްޖެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު

މިގޮތުން މިއުވާން ވަނީ، ރައީސް ސޯލިހުގެ ސަރުކާރުން މިފާއިތުވި ހަތަރު ކުރައްވާފައިވާ މުހިއްމު ބައެއްކަންކަން ހުލާސާގޮތެއްގައި ވިދާޅުވެ ދެއްވާފައެވެ.

މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް ފުއްދިފައިވާ ކަމަށާއި އަދި ރިޔާސީ ވައުދުތަކުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ހިނގަމުންދާކަން ވެސް މިއުވާން ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިއުވާން ވަނީ، އީޕީއޭއިން އެފްކޮންސް ޖޫރިމަނާކުރުމަކުން، ބުރިޖުގެ މަޝްރޫއަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސްނެގުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާނެ ކަމަށް ވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.