ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުން މެންދުރުފަހަށް ފަސްކޮށްފިއެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދިން ކަމަށް ދައުލަތުން ދައުވާކޮށްފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.

މިއަދު ހެނދުނަށް ތާވަލުކޮށްފައިވާ އަޑުއެހުމަށް ހާޒިރުވެވަޑައިގަތީ ޔާމީން އެކަންޏެވެ. އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، ޔޫސުފް ނައީމްގެ ބަލި ހާލަތު ހުރި ގޮތުން ޝަރީއަތަށް ހާޒިރުވެވަޑައިނުގެންނެވޭތީ، މިއަދުގެ ފަހުގެ ވަގުތެއްގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ބާއްވާނެ ކަމަށެވެ.

އެ ނިންމުމާ މެދު އިއުތިރާޒެއް އޮތްތޯ އިސްގާޒީ ސުވާލުކުރެއްވުމުން ދައުލަތުން އެދުނީ، ޔާމީނާއި ޔޫސުފް ނައީމްގެ އަޑުއެހުންތައް އެކުގައި ކުރިއަށް ގެންދިއުމަށެވެ. ދައުލަތުން ފާހަގަކުރި ސަބަބުތަކަކީ:

  • އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވަނީ އެއް ހެކިތަކެއް ކަމަށް ވުން
  • އެ މައްސަލައިގައި ދައުލަތުން ދައްކަން ހުރީ އެއް ވާހަކަތަކެއް ކަމަށް ވުން

ޔާމީންގެ ފަރާތުން ވެސް އެދިފައިވަނީ އެމަނިކުފާނާއި ޔޫސުފް ނައީމްގެ އަޑުއެހުންތައް އެއްކޮށް ކުރިއަށް ގެންދިއުމަށެވެ. އެހެންވެ ދެ ފަރާތުގެ އެދުމުގެ މަތިން މިއަދު މެންދުރުފަހު 1 ޖަހާއިރަށް އަޑުއެހުން ފަސްކުރުމަށް އިސްގާޒީ ނިންމަވައި، ޝަރީއަތުގެ މަޖިލިސް ވަނީ ކުރުކޮށްލައްވައިފައެވެ.