"ބްލެކް ޕެންތާ"ގެ ސީކުއަލް "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

މި ފިލްމު މިހާރު ތިއޭޓާތަކުގައި އަޅުވާފައިވާއިރު މިހާތަނަށް މި ފިލްމަށް ވަނީ 330 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ. ފާހަގަކޮށްލެވޭ ކަމަކީ ހަމައެކަނި އެމެރިކާގައި ހަފުތާ ބަންދުގައި މި ފިލްމްގެ ބޮކްސް އޮފީސް ޓިކެޓް ސޭލްސް 185 މިލިއަން ޑޮލަރަށް އެރި ކަމެވެ. ވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އިން އުފެއްދި މި ފިލްމަށް ވަނީ އެމެރިކާގައި އެޅުވި ފިލްމުތަކުގެ ތެރެއިން ނުވަ ވަނަ އަށް އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމުގެ މަގާމު ލިބިފައެވެ.

ބްލެކް ޕެންތާގެ އާ ފިލްމުން ލީޑް ރޯލުން ފެނިގެންދިޔައީ އެންޖެލާ ބެސެޓް، ލެޓީޝާ ރައިޓް، ޓެނޯކް ހުއެރުތާ، ޑޮމިނީކް ތޯން އަދި ޑެނިއެލް ކަލޫޔާއެވެ. ފިލްމްގެ ޑައިރެކްޓަރު ރަޔާން ކޫގްލާ ވަނީ "ބްލެކް ޕެންތާ"ގެ ރޯލް އަދާކުރި ޗެޑްވިކް ބޯޒްމަން ކެންސަރު ބަލީގައި މަރުވުމުގެ ސަބަބުން ފިލްމުގެ ސްކްރިޕްޓް ބަދަލުކޮށްފައެވެ. އަސްލު ދިރިއުޅުމުގައި ޗެޑްވިކް މަރުވުމުގެ ސަބަބުން ފިލްމުގައި ވެސް ޗެޑްވިކް މަރާލުމަށްފަހު އޭނާއަށް ވަދާއީ ސަލާން ކުރާ މަންޒަރު ދެވަނަ ފިލްމުގައި ވަނީ ފުރިހަމައަށް ގެނެސްދީފައެވެ.

އެފްރިކަން-އެމެރިކަން ގައުމެއް ކަމަށްވާ ވަކަންޑާގައި ހިނގާ ކަންތައްތަކެއް ދައްކައިދޭ މި ފިލްމުގައި މުހިއްމު ރޯލުތައް ކުޅެފައިވަނީ ކަޅުނަސްލުގެ އެކްޓަރުންނެވެ.