ރާއްޖޭގައި ސިމް ކާޑު އެންމެ ގިނައިން ނަގާފައިވަނީ ބިދޭސީންގެ ނަމުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ، އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ، ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީން ކަމަށެވެ. އެއީ ކުރިން ރާއްޖޭގައި އުޅެފައި ނަމަވެސް މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީން. ދިވެހިރާއްޖޭގައި ނޫޅޭ ބިދޭސީން. ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކުށްކުރުމަށާއި ސްކޭމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެންމެން މި ސިމްތައް ބޭނުން ކުރާއިރު މި ކަންކަމަށް ފިޔަވަޅު އަޅަމުން ގެންދަވާ ކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ. މިގޮތުން ޖަލުތެރެއަށް ވައްދައިގެން ބޭނުންކުރާ ފޯނުތައް ބްލޮކް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސިމްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަން އެޅި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާ ސީޕީ ވިދަޅުވީ 2،796 ސިމް ކާޑު ކަނޑާލާފައިވާ ކަމަށާއި އަދި 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅު އަޅާފައިވާ ކަމަށާއި 8 އައިޕީ އެޑްރެސް ބްލޮކް ކޮށްފައިވާ ކަމަށް ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.