މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދުގެ މައްޗަށް މީގެ ކުރިން އުފުލާފައިވާ ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އަރުޝަދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ، 2016 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގ. ނިޔުޝާރާޒުގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ވިއު ކޮންސްޓްރަކްޝަންސް އޮފީސް ފަޅާލައި އެތަނުގައި ހުރި ދެ ތިޖޫރީ އަކަށާއި އެނޫންވެސް ބައެއް ތަކެއްޗަށް ގެއްލުންދީ ވައްކަންކުރި ކަމުގެ ތުހުމަތުގައެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރި އެ މައްސަލައިގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މި މައްސަލައިގައި ގޮތެއް ނިންމާފައިވަނީ އަންގާރަ ދުވަހުއެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނީ، އަރުޝަދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ނިންމީ އެ ދައުވާތައް ސާބިތުކުރުމަށް އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް އެއްގޮތަކަށްވެސް ބެލުމަކާ ނުލައި ކަމަށެވެ.

އެގޮތުން އެ އޮފީހުގެ މޭޒެއް މަތިން ނެގި ފައިވާން ޕްރިންޓަކާ އަރުޝަދުގެ ފައިވާން ކިބައާ ދިމާވާ ކަމަށް ދައުލަތުން ބުނި ނަމަވެސް ޝަރީއަތުން އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ. އަދި މި މައްސަލަތަކުގައި ހުށަހެޅި ވީޑިއޯ އިމޭޖް އެނާލިސިސް ރިޕޯޓް ފޫޓޭޖުތަކުގައި ފެންނަ މީހާއަކީ އަރުޝަދު ހާލިދުކަމަށް ބެލެވޭކަމަށް ދައުލަތުން ފާހަގަކުރި ނަމަވެސް އެކަމަށް ވެސް ޝަރީއަތުން ރިއާޔަތްކޮށްފައި ނުވާ ކަަމަށް ހުކުމުގައިވެއެވެ.

ހައިކޯޓުން ވަނީ ދައުލަތުން ހުށަހެޅި ހެކިތަކާއި މެދު އަލުން ބަލައި، މި މައްސަލަ އަލުން ދަށު ކޯޓުން ބެލުމަށް ހުކުމް ކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއުއެވެ.

އަރުޝަދަކީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު އޮންނަ މީހެކެވެ.

ޑްރަގުގެ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގައެވެ. ނަމަވެސް އޭނާ ދުބާއީ އަށް ގޮސް އުޅެނިކޮށް ވަނީ ސްރީލަންކާއަށް ޑީޕޯޓުކޮށްލާފައެވެ.

ދުބާއީ އާއި ލަންކާގެ އިމިގްރޭޝަން އިދާރާތަކުން އަރުޝަދު އަނބުރާ ރާއްޖެއަށް ފޮނުވާލުމުން ފުލުހުން އޭނާ ހައްޔަރު ކުރި ނަމަވެސް، ފަހުން ދޫކޮށްލީއެވެ. އޭނާ ދޫކޮށްލާފައި ހުރުމުން، ހައި ކޯޓުން ކުރިން އޭނާ ބަންދުކޮށްގެން ހާޒިރު ކުރަން ނެރުނު އަމުރަށް އޭނާ ބަންދު ނުކޮށް ނިންމީ ދޫކޮށްލާށެވެ.