ކުރިއާ މެދުވެރިކޮށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން އެތެރެކުރަނިކޮށް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، ކުރިއާ މެދުވެރިކޮށް ބަހުރޭނުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

އެ ތަކެތި އަތުލައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް ކަސްޓަމަސް އިން ބުނެއެވެ.

ބަލައި ފާސްކުރި ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ، މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.