ވޯލްޑްކަޕް މެޗުތައް ބޮޑު ސްކްރީން ބަހައްޓައިގެން ނުދެއްކޭނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ގޭބިސީތަކަށް މީޑިއާނެޓް މެދުވެރިކޮށް އެ ޗެނަލްތަކުން ވޯލްޑްކަޕް މެޗު ބެލުމުގެ ހުއްދަ އޮތްނަމަވެސް، އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑްކަޕް މެޗުތައް ބެލުމަކީ މަނާކަމެއް ކަމަށެވެ.

އަދި ސޯޝަލް މީޑިއާއާއި އިންޓަނެޓްގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވޯލްޑްކަޕްގެ މެޗްތައް ލައިވް ކުރުން ވެސް މަނާ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީގެ އިތުރުން ކެފޭތަކާއި، ރެސްޓޯރަންޓުތައް ފަދަ ވިޔަފާރީގެ ހިދުމަތްދޭ ތަންތަނުން މީޑިއާނެޓުގެ ހުއްދަ ނަގައިގެން ވޯލްޑްކަޕް ދެއްކުމުގެ ފުރުސަތު އެތަންތަނަށް އެބައޮތް ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓުން ބުނީ، ކަނޑައެޅިފައިވާ އުސޫލްތަކާ ހިލާފަށް ވޯލްޑްކަޕް ދައްކާނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ފޯރިގަދަ މެޗްތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެށުމަށް ހަމަޖެހިފައި ވަނީ މިމަހު 20 ވަނަ ދުވަހުއެވެ.

މިއަހަރު ރާއްޖެއަށް މުބާރާތް ދެއްކެމުގެ ލައިސަންސް މީޑިއާނެޓާއި ޕީއެސްއެމް އަދި ރާއްޖެ ޓީވީން ގުޅިގެން ވަނީ ރީބްރޯޑްކާސްޓިން ހުއްދަ ހޯދާފައެވެ.

މިލިއަނެއް ހާ ޑޮލަރު ދައްކައިގެން ރާއްޖެއަށް ރައިޓްސް ހޯދާފައި ވާ އިރު، ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން މީޑިއާނެޓުން ކުރެ ކޮންމެ ބަޔަކު 5.5 މިލިއަން ދިވެހި ރުފިޔާވަރު ހޭދަކުރާކަން ވަނީ އެނގިފައެވެ.

ދައުލަތުގެ ބްރޯޑްކާސްޓަރުގެ ޔޭސް ޓީވީ ޗެނަލުން ވޯލްޑްކަޕް ދެއްކުމަށް ހަމަޖެހިފައި ވާއިރު، އެކަން ކުރަނީ މީޑިއާނެޓާ ހިލާފަށް މުޅިރާއްޖެއަށް ހިލޭ ފެންނާނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ވިޔަސް، ކޭބަލް ޓީވީ މޮނަޕޮލައިޒާ، މީޑިއާނެޓްގެ ޕެކޭޖްތަކުން ޔޭސް ޓީވީ ވެސް އަދި ރާއްޖެޓީވީ އާއި، މީޑިއާނެޓްގެ އައިސް ޓީވީ ވެސް ފެންނާނީ ޕެކެޖް އެކްޓިވް ކޮށް ހުންނަ މުއްދަތުގައެވެ.

ވޯލްޑްކަޕަކީ ދިވެހިންގެ ޝައުގުވެރިކަން ބޮޑު މުބާރާތަކަށް ވާއިރު، ހިލޭ ފެންނާނެ ގޮތް ހެދުމަށް ދައުލަތުގެ ބްރޯޑްކާސްޓަރު ބައިވެރިވެ 5.5 މިލިއަން ރުފިޔާ ދެއްކި ނަމަވެސް، އާންމުން މުބާރާތް ބަލަން އިތުރަށް ޕެކޭޖްގެ އަގު ދައްކަން ޖެހުމުން މީޑިއާނެޓަށް މާލީ ބޮޑު ފައިދާއެއް ވާނެއެވެ.

ވޯލްޑްކަޕް ހިލޭ ބެލުމުގެ ފުރުސަތު އެންޓަނާ ނޫން ގޮތަކަށް (ޓެރަސްޓްރިއަލް ނޫން ގޮތަކަށް) އާންމުންނަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު މެދުވެރިކޮށް ފެންނާނީ، ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވާއިދުގެ 41 ވަނަ މާއްދާގައި ބުނާ ލިސްޓެޑް އިވެންޓްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައި ވުމާއެކު، ފަށާ މެޗާއި ނިންމާ މެޗެވެ. އަދި ރީ ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވައިދުގައި، ހިދުމަތް ދޭ ފަރާތުން ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު ކަނޑައަޅާ 1 ޗެނަލެއް ހިލޭ ހިމަނަން ވާނެ ކަމަށް ބުނެފައި އޮތް ނަމަވެސް މީޑިއާނެޓްގެ ޕެކޭޖްތަކުގެ މަފުހީ ހަމަވާ އިރަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުގެ ޗެނަލްވެސް ކަނޑާލައެވެ.

64 މެޗް ކުޅޭނެ މިއަރުގެ ވޯލްޑްކަޕް ނިމޭނީ ޑިސެމްބަރު 18 ގައެވެ.