ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ޔޫތު މިނިސްޓްރީން ފައިސާ ނުދީ ނޯންނާނެ ކަމަށާއި އެ އެސޯސިއޭޝަންގެ ދަރަންޏާމެދު މިނިސްޓްރީން ނަގަންޖެހޭ ޒިންމާއެއް ނޯންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަހްލޫފް ވިދާޅުވީ މިނިސްޓްރީން އެސޯސިއޭޝަނަށް ފައިސާ ނުދެވިގެން އެސޯސިއޭޝަނުން އެހެން ބަޔަކަށް ފައިސާ ނުދެވި ނޯންނާނެ ކަމަށެވެ.

އަދި ގައުމީ އެސޯސިއޭޝަންތަކަކީ އެ އެސޯސިއޭޝަންތަކުން އަމިއްލައަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފައްދާފައިވާ ތަންތަން ކަމަށާއި އެ ދަރަންޏާމެދު މިނިސްޓްރީން ނަގަންޖެހޭ ޒިންމާއެއް ނޯންނާނެ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

އެފްއޭއެމްގެ މައްސަލައިގައި ކަންބޮޑުވުން އޮތް ކަން ފާހަގަކުރައްވާ މަހްލޫފު ވިދާޅުވީ، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ.

މަހްލޫފު ވިދާޅުވީ އެފްއޭއެމްއިން ފައިސާގެ ކަންކަން ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ކްލަބްތަކުގެ އިތުރުން އެތައް ބަޔަކަށް ދަރައި، އެފްއޭއެމް ވަނީ މާލީ ބޮޑު މައްސަލައެއްގެ ތެރެއަށް ވެއްޓިފައެވެ. އެގޮތުން ސްޓެލްކޯ އަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލުމާއި، އެފްއޭއެމުން ކުޅުންތެރިންނާއި ކޯޗަށް ދޭން ޖެހޭ ފައިސާ ތަކެއް ނުދޭ މައްސަލަަތަކެއް ވެސް ވަނީ ފެންމަތި ވެފައެވެ.

މީގެ އިތުރުން އެފްއޭއެމުން އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އެއް މަސްދުވަހުގެ ތެރޭ ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން ދާދި ފަހުން ވަނީ ހުކުމްކޮށްފައެވެ.