ކުރިއަށް އޮތް ދެ ހަފްތާ ރަށްރަށުގައި ހަކުރު ބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

އެކަމާ ގުޅޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ހިއްސާކުރަމުން ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޑރ. އައިމިނަތު މަލްހާ ސައީދު ވިދާޅުވީ މި މަހުގެ 14 އިން 30 އަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކޮންމެވެސް އެއް ދުވަހެއްގައި ހަކުރު ބައްޔަށް ސްކްރީން ކުރެވޭނެ ކަމަށެވެ.

އުނދަގުލެއް ނުވެ ހަކުރު ބަލީގައި ހުރެދާނެކަން ފާހަގަކުރައްވާ ޑރ. މަލްހާ ވަނީ އެ ސްކްރީނިން ޕްރޮގްރާމުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.

"ކޮންމެހެން އުނދަގުލެއް ވާތީއެއް ނޫން ހަކުރު ބަލީގައި ހުރެދާނެ އުނދަގުލެއް ނުވެވެސް. އެހެންވީމަ ވީހާވެސް ގިނަ ބޭފުޅުން ސްކްރީނިން ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް"
ޑރ. އައިމިނަތު މަލްހާ ސައީދު

މިހާރުވެސް ހަކުރު ބައްޔަށް ބޭސް ކުރާ ނުވަތަ ހަކުރު މައްޗަށް ދާ މީހުން ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ގަވާއިދުން ބޭސް ބޭނުން ކުރުމަށާއި ހަކުރު ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކަށް ޓެސްޓު ކުރުމަކީވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ޑރ. މަލްހާ ފާހަގަ ކުރެއްވިއެވެ.

ޑރ. މަލްހާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ކޮންމެ ރަށެއްގައިވެސް އެ ސޮސައިޓީގެ ފަރާތުން ތަމްރީންދީފައިވާ މީހުން ތިބިއިރު އެ ސްކްރީނިން ޕްރޮގްރާމް ކުރިއަށް ދަނީ އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަކާ ގުޅިގެންނެވެ. އަދި އެ ރަށެއްގައި ސްކްރީނިން ޕްރޮގްރާމް ކުރިއަށް ގެންދާ ދުވަހާއި ގަޑި ޔަގީންކުރުމަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރާ ގުޅައިގެން ކުރިއަށް ދިއުމަށް ޑރ. މަލްހާ ވަނީ އެދިވަޑައިގެންފައެވެ.