ރާއްޖޭގެ އާބާދީގެ ގިނަ އަދަދެއްގެ ބަޔަކު ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު އޭގެ ތެރޭގައި ކުޑަކުދިންގެ އިތުރުން ޒުވާނުންނާއި އުމުރުން ދުވަސް މީހުން ހިމެނެއެވެ. ހަށިގަނޑުގައި ހަކުރު ހުންނަން ޖެހޭ މިންވަރު މާބަނޑު ދުވަސްވަރު އިތުރުވުމަކީވެސް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. "މާދަމާގެ ރައްކާތެރިކަމަށް އުނގެނެމާ" ގެ ޝިއާރުގެ ދަށުން މިއަދު ހަކުރު ބަލީގެ ދުވަސް ފާހަގަކުރަމުން އަންނައިރު ހަކުރު ބައްޔަކީ އަލާމާތްތަކެއް ނުފެނިވެސް ޖެހިދާނެ ބައްޔެއް ކަމަށާއި ޓެސްޓުކޮށް ގަވާއިދުން ބެލުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ދާދިފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި "ސްޓެޕް ސާވޭ 2020-2021" ގެ ނަތީޖާތައް ދައްކާ ގޮތުގައި ހުސްބަނޑާ ހުރެ ހަކުރު ބަލި ޓެސްޓު ކުރި އިރު 14 ޕަސެންޓް މީހުންގެ ހަކުރު މައްޗަށް ގޮސްފައިވާކަން ހާމަވިއެވެ. ދިވެހިންގެ އާބާދީގެ 50 ޕަސެންޓް މީހުން ޑަބްލިއުއެޗްއޯ އިން އިރުޝާދުދޭ މިންގަނޑާ އެއްވަރަށް ކަސްރަތު ނުކުރާ އިރު، 50 ޕަސެންޓް ދިވެހިންނަކީ ބަރުދަން މާ މަތި މީހުން ކަމަށް އެ ސާވޭއިން ދައްކައެވެ. އަދި ދިވެހިންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ ފަލަ، ނުވަތަ އޮބޭސިޓީ ހުރި މީހެއް ކަމަށްވެސް އެ ސާވޭއިން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހަކުރު ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ، ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް މީހުންނަކީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށް ބުނެފައެވެ.

ހަކުރު ބައްޔާ ބެހޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ހިއްސާ ކުރައްވަމުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ ވިދާޅުވީ ހަކުރު ބަލީގެ މައިގަނޑު ދެ ވައްތަރެއް ހުންނަ ކަމަށާއި އެއީ ޓައިޕް 1 އަދި ޓައިޕް 2 ހަކުރު ބަލި ކަމަށެވެ.

ކާންވީ ސިއްހަތަށް ފައިދާ ހުންނަ ކާނާ

މުހައްމަދު އަލީ ވިދާޅުވީ ކާ ތަކެތި ހަޖަމުވުމަށް ފަހު ގުލްކޯޒަށް ބަދަލުވެ ލޭގެ ތެރެއިން ހަށިގަނޑުގެ ހަކަތަ އުފައްދާ ސެލްތެރެއަށް އެ ގުލްކޯޒް ވައްދައިދިނުމަށް ބޭނުންކުރާ އެއް ކެމިކަލް އަކީ އިންސުލިން ހޯމޯން ކަމަށާއި އުފެދުމުގައި ނުވަތަ އުމުރުގެ ވަކި ހިސާބަކުން އިންސުލިން ހަށިގަނޑުގެ ތެރޭގައި އުފައްދައި ނުދޭނަމަ ސެލް ތެރެއަށް ހަކުރު ނުވަދެ ލޭ ތެރޭގައި ހަކުރު ގިނަވުމަކީ ޓައިޕް 1 ހަކުރު ބަލި ކަމަށެވެ. އެހެންނަމަވެސް އެއާ ހިލާފަށް ޓައިޕް 2 ހަކުރު ބައްޔަކީ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް އިންސުލިން އުފެއްދި ނަމަވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މަދުވުމުން ހަށިގަނޑުގެ ތެރޭގައި ހަކުރު މާ ބޮޑަށް ގިނަވެ، އިންސުލިން ސެލް ތެރެއަށް ވަނުމަށްޓަކައި ބޭނުންކުރާ މަގުތައް ނުއުފެދި ނުވަތަ މަދުން އުފެދިފައި ހުރުމުން ދިމާވާ ވައްތަރެކެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ދެ ވައްތަރުގެ ހަކުރު ބަލީގައިވެސް އާއިލީ ގޮތުން ވާރުތަ ކުރާގޮތެއް ހުންނައިރު ޓައިޕް 1 ހަކުރު ބަލި ދިމާވަނީ ހަމައެކަނި ކުޑަކުދިންނަށް ކަމަށް މީގެ ކުރިން ވިސްނިފައި އޮތް ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށްވެސް ޓައިޕް 1 ހަކުރު ބަލި ޖެހޭ ކަމަށެވެ. އަދި އެ ދެ ވައްތަރުގެ އިތުުރުން މާބަނޑު މީހުންނަށް ދިމާވާ ހަކުރު ބަލީގެ ވައްތަރަކާއި ތަންކޮޅެއް ޅައުމުރުގައި ދިމާވާ ހަކުރުބަލީގެ ވައްތަރުތަކެއް ހުރި ނަމަވެސް ޓައިޕް 1 އަދި 2 އަކީ އެންމެ އާންމު ދެ ވައްތަރެވެ.

އެންމެ އާންމުކޮށް ފެންނަ ހަކުރު ބަލީގެ އަލާމާތްތައް:

  • ވަރަށް ބޮޑަށް ފެން ބޮވާ ގޮތްވުން ނޫނީ ކަރުހިއްކުން.
  • ގިނަ ގިނައިން ކުޑަކަމުދިއުން.
  • ބަރުދަނަށް ކުއްލިއަކަށް ބަދަލުއައުން.
  • ލޯފުސްވުން.
  • ފޮނި އެއްޗެހި މާބޮޑަށް ކާހިތްވުން.
  • ގައިން ވަރުދޫވުން ނުވަތަ ވަރުބަލިވުން.
  • ރޯގާއެއް ނުވަތަ ކެއްސުމެއް ދިގުދެމިގެން ދިއުން.
  • ތަނެއް ހަލާވެގެން ފާރުކޮޅު ރަނގަޅު ނުވެ ގިނަ ދުވަސްވުން.
  • ކުޑަކަމުދާ ނިޒާމުގެ ގިނަ އިންފެކްޝަންތަކެއް ދިމާވުން، އަވަސް އަވަހަށް އިންފެކްޓުވުން.

މާބަނޑުއިރު ހަކުރު މައްޗަށްދާ ނަމަ ކެއުން ބަހައްޓާނެ ގޮތް:

ޑރ. މުހައްމަދު އަލީ ވިދާޅުވީ މާބަނޑުއިރު ހަކުރު ބަލީގެ މައްސަލައެއް ދިމާވެއްޖެނަމަ އެންމެ މުހިއްމު ކަމަކީ ބަނޑުގައިވާ ކުޑަ ދަރިފުޅަށް ބޭނުންވާ ހަކަތައާއި ވިޓަމިންސްއާއި މިނަރަލްސް ލިއްބައިދިނުން ކަމަށާއި އެކަން ވާނީ މައިމީހާގެ ކެއުމުގެ ތެރޭގައި އެ މާއްދާތައް ހިމަނާ ވަރަކަށް ކަމަށެވެ. ކެއުމުގައި ފައިދާ ހުރި ކާނާ ބޭނުންކުރަން ޖެހޭއިރު ފޮނިކޮން ހުންނަ މޭވާއާއި ތަރުކާރީވެސް ބޭނުން ކުރަން ޖެހޭ ކަމަށާއި އެ އެއްޗެހި ކެއުމުގައި ނުހިމަނާނަމަ ދަރިފުޅަށް އެ މާއްދާތަކެއް ނުލިބޭނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ހަކުރު ބައްޔަށް ޓެސްޓުކުރަނީ/ ފޮޓޯ: ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް

ކެއުމުގައި މިން ހެޔޮ ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަ ކުރައްވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް (ބަތް، ރޮށި، ފާން، ފަރާޓާ ފަދަ ތަކެތި) މަދުކޮށް އޭގެ ބަދަލުގައި ކާބޯހައިޑްރޭޓްސް (ކައްޓަލަ، އަލުވި ފަދަ ގަސް ގަހުން ލިބޭ ތަކެތި) ބޭނުންކުރުން ވަރަށް މުހިއްމު ކަމަށެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ހަކުރު ހަކުރުގެ ގޮތުގައި ބޭނުންކުރުން އެއްކޮށް ހުއްޓާލަން ޖެހޭ ކަމަަށާއި ފޮނި އެއްޗެހި އެއްކޮން މަދުކުރުން ޖެހޭ ކަމަށެވެ.

"ކްރޭވިންގްސްއެއް އަންނަ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެއް މީ، އަޅުގަނޑުމެންނަށް މިހެން ދަންނަވާލަން ފަސޭހަވިޔަސް. ކްރޭވިންގްސްއެއް އައިމަ ނުހުއްޓޭ ކަހަލަ ކަންކަން ހުންނާނެ. އެކަމަށް ވިސްނައިގެން ކެއުމަށް ވިސްނައިގެން ކޮންޕްލެކްސް ކާބޯހައިޑްރޭޓްސް މަދުކުރުމާ ހަކުރު ހުންނަ އެއްޗެހި މަދުކޮށް ހުއްޓާލުން މުހިއްމު"
ޑރ. މުހައްމަދު އަލީ

ކެއުމުގެ މިންވަރު ވަރަށް ބޮޑަށް މަދުކޮށް ހެދުމުގެ ބަދަލުގައި މިން ހެޔޮކުރުން ވަރަށް މުހިއްމު ކަމަށާއި ޕްރޮޓީންސް އިތުރުކުރުން، އޯޓްސް، ރެޑް ރައިސް، ބްރައުން ރައިސް އަދި ބްރައުން ބްރެޑް ހިމެނޭ ފައިބާ ހުންނަ ކާނާ ގިނަކުރުމަކީވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ޑރ. މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.

ހަކުރު ބަލި ހުންނަ އާންމު އެހެން މީހުންނާ ހިލާފަށް މާބަނޑު މީހުން، ކެއުމުގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމަނަން ޖެހޭ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މާބަނޑުވުމުގެ ކުރިން ހަކުރު ބަލި ދެނެގަތުމާއި މާބަނޑު އިރު ހަކުރު ކޮންޓްރޯލްކުރުން މުހިއްމު:

އަލާމާތްތައް ނުފެނި ގިނަ ބަޔަކަށް ހަކުރު ބަލި ޖެހިފައި ތިބިއިރު 6 މަހުން ނުވަތަ އަހަރަކު އެއްފަހަރު މަދުވެގެން ހަކުރު ބަލި ޓެސްޓުކުރުމަކީ އެދެވިގެންވާ ކަމަކަށް ވާއިރު ދަރިއަކު ހޯދަން ތައްޔާރުވަމުން ދާނަމަ ހަކުރާއި ކޮލެސްޓްރޯލް ހުރިތޯ ބެލުން މުހިއްމެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ މާބަނޑުވުމަށް ފަހު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ހަކުރު ބަލި ޓެސްޓުކުރަމުން އަންނައިރު ހަކުރު މަތިކޮށް ހުންނަނަމަ ކުޑަދަރިފުޅުގެ ބަރުދަން އިތުރުވުމާއި ވިހެއުމަށް ފަހު ހަކުރު ދަށްވާ ގޮތް ނުވަތަ ހައިޕާގްލައިސެމިއާއަށް ދިއުމާއި ވެންޓިލޭޓަރަށް ލުމުގެ ފުުރުސަތު ބޮޑުވާ ކަމަށެވެ. އަދި ނޭވައިލުމަށް އުނދަގޫވުމާއި ކުޑަދަރިފުޅު ބަނޑަށް މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.

ބައްޕައަކު އޭނާގެ އުފަން ދަރިފުޅު އުރާލައިގެން ---

މާބަނޑު އިރު ހަކުރު ބަލި ޖެހިއްޖެ ހާލަތެއްގައި އުމުރުގެ ކޮންމެވެސް ހިސާބެއްގައި ހަކުރު ބައްޔަށް ބަދަލުވުމުގެ 25 ޕަސެންޓުގެ ފުރުސަތެއް އޮތް ކަމަށް ޑރ. މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.

އުމުރު މައްޗަށް ދާ ވަރަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވަނީ ހަށިގަނޑުގެ ހަކަތަ ބޭނުން ކުރާ ވަރު ދަށްކޮށްލުމުން ކަމަށާއި އެހެންނަމަވެސް ކާ މިންވަރާ އަޅާ ބަލާ، ހެލިފެލިވެ ނޫޅޭ ކަމަށް ވާނަމަ ޅައުމުރުގައި ވެސް ހަކުރު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އަމިއްލަ ތަޖުރިބާއަށް އަލިއަޅުވާލައްވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ ދެ ފަރާތުގެ ފުއްޕާމެއަށް ނިއުމޯނިއާ ޖެހިގެން އެޑްމިޓް ކުރާފަހުން ފުރަތަމަ ފަހަރަށް ހަކުރުބަލި ހުންނަކަން ދެނެގަނެވިފައި ހުރި ކަމަށާއި 3 މަސް ދުވަހުގެ ހަކުރު ބަލާ ޕަސެންޓޭޖް 6.9 ޕަސެންޓަށް ވުރެ ދަށުގައި ހުންނަން ޖެހޭ މީހުންގެ 12 ނުވަތަ 15 ޕަސެންޓް ހުންނަ ހިސާބަށްވެސް ގޮސްފައި ހުންނަ ކަމަށެވެ. އޭގެ ސަބަބުން ބަލި ރަނގަޅު ކުރަން އުނދަގޫވެ، ގިނަ ދުވަސް ނަގާ ކަމަށާއި ބަލި ރަނގަޅު ވަމުން ދާއިރު ފުއްޕާމޭގެ ވަށައިގެން ހުންނަ ދުލިފަށަށް ފެން އެޅޭ ގޮތްވެ އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހޭ ހިސާބަށް ގޮސްފައިވާ ކަން ޑރ. މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.

ހަކުރު ބައްޔަށް ފަރުވާ ހޯދަމުން ދާއިރު 1 އިރާއި 2 އިރު ނުވަތަ 4 އިރަށް އިންސުލިން ބޭނުން ކުރާ މީހުން އުޅޭއިރު ޑރ. މުހައްމަދު އަލީ ވިދާޅުވީ ރަށްރަށުގައިވެސް އިންސުލިން ބޭނުން ކުރާ ގިނަ އަދަދެއްގެ ބަޔަކު އުޅެމުންދާ ކަމަށެވެ.

ބައްޔެއް ވެގެން އެޑްމިޓްކުރާ ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރާ ގުޅަ ބޭހުގެ ބަދަލުގައި އިންސުލިން އިންޖެކްޝަނަށް ބަދަލުކޮށްލަން ޖެހޭއިރު އިންސުލިން އަކީ އެއް ފަހަރު ބޭނުންކޮށްފިނަމަ އުމުރަށް ބޭނުން ކުރަން ޖެހޭ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނިފައި އޮންނަ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

"އެންމެ އުނދަގުލީ ބަލިވެގެން އެޑްމިޓްކޮށްގެން ފަރުވާދޭ ހަކުބަލީގެ ގުޅަ ބޭސް ކަމުންދާ މީހާއަށް ގިނަ ފަހަރަށް އިންސުލިންނަށް ބަދަލުކޮށްލަން ޖެހޭ. ބަލި މީހާ ޖެހިލުންވޭ. އިންސުލިން އެއް ފަހަރު ބޭނުންކޮށްފިއްޔާ ދާއިމަށް ބޭނުންކުރަން ޖެހޭ އެއްޗެއްގެ ގޮތުގައި ހުރިހާ އެންމެންނަށްވެސް ވިސްނިފަ އޮންނަނީ. އެއީ ދެވިހިފާ އެއްޗެއް ކަމަށް. އެކަމަކު އެއީ ކޮންމެ މީޙެއްގެ ހަށިގަނޑަށް ނެތް އެއްޗެއް ހަށިގަނޑަށް މިދެނީ. އިންޖެކްޝަނެއް ގޮތުގައި ޖަހަން ޖެހޭތީ ޖެހިލުން"
ޑރ. މުހައްމަދު އަލީ
ޑރ. މުހައްމަދު އަލީ/ ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ނޫނަސް ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހާއްސަކޮށް ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކު ބޭނުން ކުރެވޭ މިންވަރު އިތުރުވުމާއި ލުއިކާނާ ފަސޭހައިން އަގުހެޔޮކޮށް ލިބެން ހުންނަ ހުރުމުގެ ސަބަބުން ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމަށާއި މަސައްކަތް ކުރަން ޖެހޭ ވަގުތު ގިނަވުމާއި މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު އިށީނދެ ތިބެވުމާއި މިއާއެކު ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތްލައިގެން ދުފުމާއި ވޭޕްކުރުމާއި ޝީޝާ ކަހަލަ އެއްޗެހި ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވެ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މުހައްމަދު އަލީ އިތުރަށް ވިދާޅުވީ ހަކުރު ބަލި ޖެހިއްޖެނަމަ ދަރިން އަދި ކާފަ/ މާމަ ދަރިންނާ ހިސާބަށް ހަކުރު ބަލި ވާރުތަކުރުމުގެ ފުރުސަތު އޮތްއިރު އަމިއްލަ މީހާގެ ރައްކާތެރިކަމަށާއި ހުރިހާ އެންމެންގެ ވެސް ރައްކަލަކަށް ހެލިފެލިވެ އުޅުމާ ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަކީ ކުރިއަށް އޮތް ޖީލުތަކަށްވެސް އަހަރެމެން ކުރަން ޖެހޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.