މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން މިހާތަނަށް 90،000 ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފިއެވެ.

ރޭ ދަންވަރު 12:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައެވެ. އެ ހާދިސާގައި 10 މީހުން ވަނީ މަރުވެފައެވެ.

އެންޑީއެމްއޭއިން ބުނީ، އެ ހާދިސާގައި އަލިފާނުގެ އަސަރުކޮށްގެން ހަ ގެއަކުން 29 މީހުންނަށް ގެސްޓްހައުސްތަކުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ. އެއީ 15 ދިވެހިންނާ، 14 ބިދޭސީންނެވެ.

15 ދިވެހިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި 10 އަންހެނުންނެވެ. 14 ބިދޭސީންގެ ތެރޭގައި ހިމެނެނީ 8 ފިރިހެނުންނާއި 6 އަންހެނުންނެވެ. ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 6 ކުޑަކުދިންވެސް ހިމެނެއެވެ. މި މީހުންނަށް 5 ގެސްޓް ހައުސްއެއްގައި ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

ހަރަދުތަކުގެ ތަފްސީލް ހާމަ ކުރަމުން އެންޑީއެމްއޭއިން ބުނީ، އެ މީހުން ބޯހިޔާވަހި ކަމަށް 33،500ރ. އާއި އަންނައުނަށް 19،000ރ. އާއި ކެއިންބުއިމަށް 29،000ރ. އިތުރަށް އެހެނިހެން ހަރަދުތަކާ އެކު، 90،133ރ. މިހާތަނަށް ހަރަދުވެފައިވާ ކަމަށެވެ. އެއީ ފަސް ދުވަހުގެ މުއްދަތަށް ދާނެ ހަރަދު ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ، ނަފްސާނީ ފުރަތަމަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެމީހުންނަށް، ދިވެހި ރެޑްކްރެސެންޓާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.