މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ކުރިން ހަމަޖެހިފައިވާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މި ޖަލްސާ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މި ޖަލްސާ ފަސްކޮށްފައިވަނީ މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް މީހުންގެ ފުރާނަ ގެއްލި އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަމުގެ ހިތާމައިގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޭ ރޯވެ ހިނގި އަލިފާނުގެ ހާދިސާ މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ.

ރޯވި ނިރުފެއްސާއި ޖެހިގެން ހުންނަ ސެންރޯސްގައި ވެސް ރޯވި އިރު އެ ދެ އިމާރާތަކީ މަތީގައި ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓަރު ތަކެކެވެ. އެތަނުގައި ބިދޭސީންގެ ތެރޭގައި އިންޑިއާއާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުންވެސް ތިއްބެވެ.