ރާއްޖެއަށް އިމްޕޯޓް ކޮށް އަދި އެކްސްޕޯޓް ކުރި މިންވަރު މިދިޔަ ސެޕްޓެމްބަރު މަހު ދަށަށް ގޮސްފައި ވީ ނަމަވެސް ކުރީ އަހަރުގެ ތަަފާސްހިސާބުތަކާ އަޅާ ބަލާއިރު އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެފައި ވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ތެރޭަގއި މަހުން މަހަށް ބަލާ ނަމަ، އެކްސްޕޯޓާއި އިމްޕޯޓުން ކުރިއެރުމެއް ފެނިފައެއް ނުވެއެވެ. އެގޮތުން މަހެއްގެ މައްޗަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ އެކްސްޕޯޓާއި ޖުމްލަ އިމްޕޯޓް ވަނީ 12 ޕަސެންޓާއި 9 ޕަސެންޓް ދަށަށް ގޮސްފައި ކަމަށް ދައްކައެވެ. ނަމަވެސް، މިދިޔަ އަހަރާއި މި އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓް ކުރި މިންވަރާއި އިމްޕޯޓް ކުރި މިންވަރު އަޅާ ކިޔާއިރު، ޖުމްލަ އެކްސްޕޯޓް (އެފްއޯބީ) 36 ޕަސެންޓް އިތުރުވެފައި ވާ ކަމަށާއި ޖުމްލަ އިމްޕޯޓް (ސީއައިއެފް) 27 ޕަސެންޓް އިތުރުވެފައި ވާ ކަމަށް ދައްކައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކްސްޕޯޓް ދަށަށް ގޮސްފައި ވަނީ ތާޒާ ނުވަތަ ފިނިކުރި ޔެލޯފިން ޓޫނާ އާއި ފްރޯޒަން ޔެލޯފިން ޓޫނާ އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެފައި ވާތީ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ހަމައެއާއެކު މަސްދަޅު އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ވެސް ދަށް ވުމަކީ ވޭތުވެ ދިޔަ މަސްތަކާ އަޅާ ބަޅާ އިރު ސެޕްޓެމްބަރު މަހުގެ އެކްސްޕޯޓް ދަށްވާން މެދުވެރި ވި ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ހަމައެއާއެކު، މި މަހު ފްރޯޒަން ސްކިޕްޖެކް ޓޫނާ އެކްސްޕޯޓް ކުރި މިންވަރު ވަނީ އިތުރު ވެފައެވެ.
ޖުމްލަ އިމްޕޯޓަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ކޮންސްޓްރަކްޝަނާ ގުޅުން ހުރި ތަކެތި އިމްޕޯޓް ކުރުމުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ އިތުރުން ޕެޓްރޯލިއަމްގެ ބާވަތްތަކާއި ކާބޯތަކެތީގެ ބާވަތްތަކާއި ޕްލާސްޓިކާއި އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ސާމާނު އެތެރެކުރާ މިންވަރު އިތުރުވެފައި ވާ ކަން ފާހަގަ ކުރެވޭ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަމަވެސް ދަތުރުފަތުރުގެ އާލާތްތަކާއި މެޝިނަރީ އާއި މެކޭނިކަލް ސާމާނާއި ބައިތަކާއި ފަރުނީޗަރު އިމްޕޯޓް ކުރުން މިދިޔަ ސެޕްޓެމްބަރު މަހު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ޖުމްލަ ގޮތެއްގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހާއި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާ އިރު، ޖުމްލަ އެކްސްޕޯޓާއި ޖުމްލަ އިމްޕޯޓް ވަނީ 42 އިންސައްތަ އާއި 45 އިންސައްތަ އިތުރު ވެފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، 133 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައި ވެއެވެ.
ސެޕްޓެމްބަރު މަހު ރާއްޖޭގެ މުދާ އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައި ވަނީ ތައިލޭންޑަށެވެ. އެއީ އެކްސްޕޯޓުގެ 51 ޕަސެންޓެވެ. ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަނާއި، އިނގިރޭސިވިލާތާއި، ސްޕެއިން އަދި ފްރާންސެވެ. ހަމައެއާއެކު ސެޕްޓެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި ސިންގަޕޫރެއެވެ.