އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދިމާވެފައިވާ ހިރާސްތައް ބަލައިގަނެ، އެކަންކަން ގިރާކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ބަޖެޓާ ގުޅޭގޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުވެސް ހުށަހަޅާފައި ވަނީ މުޅި ދުނިޔެ އިގްތިސާދީ ކާރިސާއަކާ ކުރިމަތިލަމުން ދާ ދަނޑިވަޅެއްގައި ކަމަށެވެ.
މިގޮތުން 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑު ކަމާއި 2022 ވަނަ އަހަރު، އަދި މިއަހަރުވެސް ކުރިއަށް އަންދާޒާ ނުކޮށް ތިއްބައި އައި ޔުކްރައިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ވެސް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.
ދުނިޔޭގެ އިޤްތިސޯދަށް ކުރިމަތިވި މި ގޮންޖެހުންތަކާ އެކު ދައުލަތުގެ ދަރަނި ފާއިތުވެ ދިޔަ އަހަރުތަކުގައި އިތުރު ވެފައިވާ ކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ، ދަރަނި ހަމަޖެއްސުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ އިސްކަމެއް ދީގެން އާމްދަނީ އިތުރުކުރާނެ ގޮތްތައް ހިމަނާފައި ވާނެ ކަމަށެވެ.
ފަތުރުވެރިކަން ހިމެނޭހެން ރާއްޖޭގެ ސިނާއަތުތަކަށް ލިބެމުންދާ ކުރިއެރުންތަކާ އެކު ރާއްޖޭގެ އިގްތިސޯދު ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ރާއްޖޭގެ ޖީޕީޑީ 33.5 ޕަސެންޓު ދަށަށް ދިޔަކަން ފާހަގަ ކުރައްވާފައެވެ. އަދި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މިދިޔަ އަހަރު 41.6 ޕަސެންޓު ޖީޕީޑީ އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހިމެނެއެވެ.