ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދު އަބްދުލްޣަނީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ފެބްރުއަރީ 02، 2022 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަމްޖަދު އަބްދުލްޣަނީގެ ސުލޫކީ މައްސަލަ ތަހުގީގުކޮށް, އެ މައްސަލަ ސާބިތުވެފައި ނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އަމްޖަދުގެ ސުލޫކީ މައްސަލަ ތަހުގީގު ކޮށް މައްސަލަ ސާބިތުނުވާ ކަމަށް މިމަހު 1ވަނަ ދުވަހުގައި ބޭއްވި އެ ކޮމިޝަނުގެ 77 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ޖޭއެސްސީން އަންނަނީ މިފަދަ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. މިގޮތުން ބައެއް މައްސަލަތަކުގައި މެޖިސްޓްރޭޓަރުންނަށް ފިޔަވަޅު ވެސް ވަނީ އަޅާފައެވެ.