ރައްޔިތުންގެ މަޖިލިހުން ގޮތެއް ނުނިންމަނީސް، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިޝާރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އަމިއްލަ ވިޔަފާރި މަސްލަހަތު ފުށޫއަރާ މައްސަލަ އެއް ބެއްލެވިކަން ސާބިތުވުމުން، ފަނޑިޔާރުކަމުން ނިޝާރު ވަކިކުރުމަށްޓަކައި ޖޭއެސްސީން މަޖިލިހަށް ސިޓީ އެއް ފޮނުވާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.

މަޖިލިހަށް ފޮނުވި ސިޓީގައި ޖޭއެސްސީން ބުނީ، ފުޅަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުން ދިޔަ ގަޒިއްޔާ އަކީ ނިޝާރުގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، އިޖުރާއަތުތަކާ އެއްގޮތަށް އެ މައްސަލައިން ތަނާޒުލުވެ އެހެން މެޖިސްޓްރޭޓަކު އައްޔަނު ކުރި ފަހުން، އިޖުރާއަތުތަކާ ހިލާފަށް އޭނާ އެ މައްސަލަ ބެއްލުވުމަށް އަމިއްލަ އަށް ހަވާލުވި ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، ނިޝާރު ދެވަނަ ފަހަރަށް މައްސަލަ ބައްލަވަމުން ގެންދެވި އިރު:

  • އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ނިޝާރަށް ދޭން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ތިންވަނަ ފަރާތެއް މެދުވެރިކޮށް ކޮށްފައިވޭ
  • ދައުވާ ލިބޭ ފަރާތާ ދެމެދު ކުރަމުން ދިޔަ މުއާމަލާތްތަކުގެ ފައިސާ ވަންނަމުން ދިޔައީ ސީދާ ނިޝާރުގެ އެކައުންޓަށް

ވުމާއެކު، ނިޝާރު އެ މައްސަލަ ބައްލަވަމުން ގެންދެވި އިރު ވެސް ދައުވާ ލިބޭ ފަރާތާ ދެމެދު ވިޔަފާރީގެ މުއާމަލާތުތައް ކުރިއަށް ގެންދެވި ކަމާއި، އެ މައްސަލަ ބެލުމުން ތަނާޒުލްވުމަށް ފަހު، އެ މައްސަލަ އަލުން ބެލުމަށް ނިޝާރު އަމިއްލަ އަށް ހަވާލުވެފައި ވަނީ ދައުވާ ލިބޭ ފަރާތާ ދެމެދު މަސްލަހަތު އޮތް ވިޔަފާރި އާ ގުޅިގެން މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދުމަށް ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ނިޝާރު އިސްތިއުފާ ދެއްވީ، ފަނޑިޔާރުކަމުން އޭނާ ވަކިކުރުމަށް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ޖޭއެސްސީން ސިޓީ ފޮނުވައި، އަދި އެ މައްސަލަ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައި ވަނިކޮށެވެ.