އެމެރިކާގެ "ސީރިއަލް ކިލާ" ޖެފްރީ ޑާމާ އާ ގުލޭ ގޮތުން ނެޓްފްލިކްސުން އުފެއްދި ސީރީޒް "ޑާމާ" އަށް ލިބުނު ތަރުހީބަށް ބެލުމަށް ފަހު އިތުރު ދެ "ސީރިއަލް ކިލާ" ގެ ވާހަކަ ގެނެސްދޭން ތައްޔާރު ވެއްޖެއެވެ.
ރަޔަން މާފީ އުފައްދާ ގެނެސްދިން "މޮންސްޓާ: ދަ ޖެފްރީ ޑާމާ ސްޓޯރީ" ގެ ފުރަތަމަ ސީޒަނުގައި ފެނިގެންދިޔައީ ޑާމާގެ ޅައުމުރު ދިރިއުޅުމާއި އޭނާ "ސީރިއަލް ކިލާ" އަކަށް ވެގެން ދިޔަ ގޮތާއި މީހުން މަރާލާ ގޮތްތަކެކެވެ. އެ ސީޒަނުގައި ޑާމާ މަރާލި 17 މީހުންގެ ވާހަކަ ވަނީ ގެނެސްދީފައެވެ.
ޑާމާގެ މައްޗަށް 1992 ކުށް ސާބިތުވެ އޭނާ ވަނީ ޖަލަށް ލާފައެވެ. ނަމަވެސް ޖަލުތެރޭ އޭނާއަށް ދިން ހަމަލާއެއްގައި އޭނާ ވަނީ މަރާލާފައެވެ. ޑާމާގެ ރޯލުން ފެނިގެންދާ އީވަން ޕީޓާޒް ފެންނަ އެ ސީރީޒް އަށް ވަނީ 1.4 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. ރަޔަން މާފީ އަކީ ހަގީގީ ހާދިސާތަކަށް ބިނާކޮށް ފިލްމާއި ސީރީޒް އުފައްދާ މީހެކެވެ.
އޭނާ ދެން އުފައްދާނީ ސީރިއަލް ކިލާ ޓެޑް ބަންޑީ ނުވަތަ ޖޯން ވޭން ގޭސީ އަށް ބިނާކޮށް ކަމަށް ގިނަ ރިޕޯތްތައް ބުނެއެވެ. ޓެޑް ބަންޑީ އަކީ އޭނާގެ ހަޔާތުގައި 30 އަންހެނުންނަށް ވުރެ ގިނަ މީހުން މަރާލައިފައިވާ މީހެކެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު އޭނާ މަރާލާފައިވަނީ ކަރަންޓު ގޮނޑިއެއްގައި ބައިންދާގެންނެވެ. ޖޯން ވޭން ގޭސީ އަކީ ޅަ ފިރިހެން ކުދިންގެ ގާތިލެކެވެ. އޭނާ ވަނީ 33 ފިރިހެން ކުދިން މަރާލައިފައެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު އޭނާ މަރާލައިފައިވަނީ އިންޖެކްޝަނެއް ޖަހައިގެންނެވެ.