މިމަހުގެ 20 ވަނަ ދުވަހު ފަށާ، ވޯލްޑްކަޕް ގަތަރުގައި ބާއްވަން ނިންމުމަކީ ހެދުނު ގޯހެއް ކަމަށް ފީފަގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެއެވެ.

ބްލެޓާ މިހެން ވިދާޅުވެފައި ވަނީ މިފަހަރުގެ ވޯލްޑްކަޕާ ގުޅިގެން، ގަތަރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ބްލެޓާ އަށް ކަމު ނުގޮސްގެނެވެ. އެއްޖިންސުން ކައިވެނި ކުރުމުގެ މައްސަލައިގައި ގަތަރުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން މިފަހަރު ވޯލްޑްކަޕަށް އެއްޖިންސުންގެ ކަޕަލްސް އަކަށް ނުދެވޭނެއެވެ.

މީގެ އިތުރުން، ދެން ފާހަގަ ކުރަނީ އިންސީ ހައްގުތަކުގެ ދާއިރާ އާއި ހިޖުރަވެރިންނާ މެދު ގަތަރުން ކަންކުރާ ގޮތުގެ ވާހަކައެވެ.

"ގަތަރު ކަހަލަ ކުޑަ ގައުމަކަށް ވޯލްޑްކަޕަކީ ވަރަށް ބޮޑު އެއްޗެއް"
ބްލެޓާ

ގަތަރު ވޯލްޑްކަޕަކީ 92 އަަހަރު ވީ އެ މުބާރާތުގެ ތާރީހުގައި ވެސް މެދުއިރުމަތީގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ.

ގަތަރުގައި ވޯލްޑްކަޕް ބާއްވަން ފީފާއިން ފާސްވެފައި ވަނީ 14 މެންބަރުންގެ ތެރެއިން 8 މެންބަރަކު ވޯޓު ދެއްވައިގެންނެވެ.

އެކަން ކުރުމުގައި ބްލެޓާއާއި ބްލެޓާގެ ފަހުން ފީފާފެ ރައީސް އަކަށް ހުރި ޕްލެޓިނީ އަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުނެވެ. ނަމަވެސް ސްވިޒަލޭންޑްގައި ކުރިއަށް ދިޔަ ޝަރީއަތުގައި މިއަހަރުގެ ޖުލައި މަހު ނިންމާފައި ވަނީ ޕްލެޓިނީވެސް ބްލެޓާވެސް ކުށްވެރި ނުވާ ކަަމަށެވެ.

މިއަހަރުގެ ވޯލްޑްކަޕް ބާއްވަން ކުރިން ބިޑް ކުރި ގައުމުތަކުގެ ތެރެއިން އެމެރިކާއަށް ނުލިބުނީ، ވޯޓުގައި ބައެއް މެންބަރުން ފައިސާގައި ހިފައިގެން ކަމުގެ ތުހުމަތު މިހާރުވެސް އެބައޮތެވެ.

ބްލެޓާ އާއި އަދި އެހެން ބައެއް ފަރާތްތަކަށް ގަތަރު ވޯލްޑްކަޕް ކަމުނުގޮސްގެން އުޅެނީ އެއްޖިންސުގެ މީހުންނަށް ގަތަރުގައި ހަރަކާތްތެރި ނުވެވޭތީއެވެ.