އުސޫލުތަކާ ހިލާފަށް ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށްދިން މައްސަލައިގައި 3 މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ، މިއީ ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރުގެ ކޮށްފައިވާ އިއުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ އިތުރުން، އިއުލާން ކުރުމެއްނެތި އިތުރު 128 އަކަފޫޓުގެ ބިމެއް އެފަރާތަށް ކުއްޔަށް ދޫކުރި މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
މި މައްސަލައިގައި، ހަނިމާދޫ ކައުންސިލްގެ އޭރުގެ ނާއިބުރައީސް އާއި އޭރުގެ މެންބަރަކާއި އާއިލީގޮތުން ގުޅުން ހުރި އެރަށު އަމިއްލަ ފަރުދަކަށް 128 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން 2016 ވަނަ އަހަރު ފާސްކޮށްފައި ވާކަން ތަހުގީގަށް ވަނީ އެނގިފައި ކަމަށް އޭސީސީން ބުނެއެވެ.
އަދި، ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ލޯކަލް ކައުންސިލް އިޙްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދަޢުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާއި ހިލާފަށް އިއުލާނު ކުރުމެއް ނެތި އެ ބިން ކުއްޔަށް ދީފައި ވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން އިތުރަށް ބުނީ، 15 އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭގޮތަށް ކުއްޔަށް ދީފައި ވަނީ ހުއްދަ ހޯދުމެއްނެތި ކަމަށެވެ.
އެކަން އެގޮތަށް ކޮށްފައިވަނީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން އެނގޭތީ ޢަބްދުއްސައްތާރު ހަސަން އާއި މުހައްމަދު ރާޟީ އަދި ހަސަން ޖައުފަރުގެ މައްޗަށް ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަމުގެ ދައުވާކޮށްދިނުމަށް ޕީޖީ
އޮފީހުގައި އެދިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ، ބިން ކުއްޔަށްދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުގެމަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240 ރުފިޔާ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5927 ރުފިޔާއާއެކު ޖުމްލަ 36,167 ރުފިޔާ ހޯދާފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެފައިސާ އާއި އަދި މިހާތަނަށް ލިބެންޖެހި ނުލިބިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަށް ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.