ކްރީޕީ ޑެންޓިސްޓެއްގެ ރޯލުން ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ފްރެޑީ"ގެ ޓީޒާ ދައްކާލައިފިިއެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކުން ޖާގަ ހޯދަމުން އަންނަ ކާތިކް ޑެންޓިސްޓެއްގެ ރޯލު ކުޅޭ ފިލްމުގެ ޓީޒާ އާންމުކުރި އިރު އެއިން ފެނިގެންދަނީ ވަރަށް ބަސްމަދު މަޑުން އިންނަ ޑެންޓިސްޓަކު އޭނާގެ ޕޭޝަންޓު ބަލަމުންދާ ތަނެކެވެ. ނުލަފާ ވައްތަރަށް ހިނިއައިސް ހުރެ އޭނާގެ ޕޭޝަންޓުންނަށް ހިދުމަތްދޭ މަންޒަރު ޓީޒާ އިން ފެނިގެންދާއިރު މި ފިލްމުގެ ވެގެންދާނީ އޭނާ ފިލްމީ ކެރިއަރުގައި ކުޅޭ ތަފާތު ފިލްމަކަށެވެ.

ފިލްމާ ގުޅޭގޮތުން އެކްޓަރު ބުނީ "ފްރެޑީ" އަކީ ވަރަށް ތަފާތު ފިލްމެއް ކަމަށާއި އޭގައި އޭނާ ކުޅުނު ރޯލަކީ ވަރަށް ޗެލެންޖިން ރޯލެއް ކަމަށެވެ. އެ ރޯލު ކުޅުމަށް މީހާ ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް ވަރަށް ބޮޑަށް ތައްޔާރުވާންޖެހުނު ކަމަށާއި މި ރޯލުގެ ސަބަބުން އަމިއްލަ މީހާ ގައިގައި ފޮރުވިފައި ހުރި ހުނަރުތައް ވެސް އޭނާ އަށް ހާމަވި ކަމަށެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ބަތަލާ އަކީ އަލާޔާ އިބްރާހީމް ފަރްނީޗަރުވާލާ އެވެ. އަލާޔާ އަކީ 2020 ވަނަ އަހަރު ނުކުތް ފިލްމު "ޖަވާނެ ޖާނެމަން" އިން އެކްޓަރު ސައިފް އަލީ ހާން އާއެކު ބޮލީވުޑަށް ތައާރަފްވި ބަތަލާއެވެ. ފްރެޑީ އަކީ ރޮމޭންޓިކް ތްރިލާއެކެވެ. މި ފިލްމަކީ ކާތިކް، އަލާޔާ އާ އެކްތާއެކުގައި ކުރާ ފުރަތަމަ މަސައްކަތެވެ. ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ މި ފިލްމަކީ އަލާޔާ އާ ކާތިކް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ. މި ފިލްމަކީ އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ދައްކާ ފިލްމެކެވެ.

ކާތިކް އެންމެ ފަހުން ފެނިފައި މިއަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ޖުގް ޖުގް ޖިއޯ" އިންނެވެ.