އަރަބިއްޔާ ސްކޫލާ ގުޅުން ހުރި މައްސަލަތާކަ މެދު ކަންބޮޑުވުން ފާޅުކޮށް އެޑިއުކޭޝަން މިނިސްޓްރީއާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ގޮވާލައި އިހްތިޖާޖު ކުރަމުން ދިޔަ އެ ސްކޫލްގެ ބެލެނިވެރިނަށް ބައްދަލުވުން ހަމަޖައްސައި އެ ބައްދަލުވުމަށް އައުމަށް މިނިސްޓްރީން ދިނީ 10 މިނެޓް ކަމަށް ބެލެނިވެރިން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް އިއްޔެ ބަދަލު ކުރުމާ އެކު އެ މައްސަލައިގައި ވަނީ އެ ސްކޫލްގެ ބެލެނިވެރިން އިހްތިޖާޖު ކޮށްފައެވެ. ރޭ އެ ސްކޫލް މިހާރު ހިންގަމުންދާ އިމާރާތުގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފައި ވާ އިރު، މިއަދު ވަނީ ވޭލާނާ ބިލްޑިން ކައިރިއަށް ވެސް އެއްވެ އިހުތިޖާޖު ކޮށްފައެވެ. ހަމައެއާއެކު އެޑިއުކޭޝަން މިނިސްޓްރީ ކައިރިއަށް ވެސް ބެލެނިވެރިން ގޮސްފައިވާ އިރު ފުލުހުން ވަނީ އެ ބެެލެނިވެރިން އެތަނުން ފޮނުވާލާފައެވެ.

ބެލެނިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން އަރަބިއްޔާ ސްކޫލް އިމާރާތް ބަދަލުކޮށް އާ އިމާރާތުގެ މަސައްކަތް ލަސްވަމުން ދިއުމާއި، އަންނަ އަހަރުގެ ބަޖެޓުގައި އެ ސްކޫލްގެ މަސައްކަތަށް ބަޖެޓެއް ކަނޑައަޅާފައި ނުވުމާއި، އެ ސްކޫލުގެ ޕްރިންސިޕަލް ވަކިކުރުމުގެ ކަންބޮޑުވުން ހިމެނެއެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބު ދާރީ ވުމަށް އެދި ރައީސް އިބްރާހިމް ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ވަނީ ގޮވާލާފައެވެ.

އަރަބިއްޔާ ބެލެނިވެރިން ބުނާ ގޮތުގައި، އެތައް މަސައްކަތެއް ބެލެނިވެރިން ކުރި ފަހުން މިއަދު މެންދުރު ފަހު 2:35 ހާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގުޅާފައެވެ. އަދި ގުޅުމަށް ފަހު ބެލެނިވެރިން އެދިފައިވާ ގޮތަށް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމަށާއި އަދި އެޕޮއިންޓްމަންޓް ހަމަޖެއްސީ 2:45 އަށް ކަމަށް ބުނެފައިވާ ކަމަށް އަރަބިއްޔާ ބެލެނިވެރިން ބުނެއެވެ.

އަރަބިއްޔާ ބެލެނިވެރިންގެ މަންދޫބުން އެޑިއުކޭޝަން މިނިސްޓްރީއަށް ދިއުމަށް ފުރުސަތުދީ، އެޕޮއިންޓްމަންޓް ހަމަޖައްސައި 10 މިނެޓް ތެރޭ އައުމަށް ބުނުމުން އެއީ ކިހިނެއް ވާނެ ކަމެއްތޯ ބެލެނިވެރިން ވަނީ ސުވާލު އުފައްދާފައެވެ. އަދި މި ކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޑރ. އައިޝަތު އަލީ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އަރަބިއްޔާ ސްކޫލް ކުރިން ހުރި އިމާރާތް ބާ ވުމާއެކު އެ ސްކޫލްގެ ކުދިންނަށް ސްކޫލް އިމާރާތެއް އަޅައިދޭނެ ކަމަށް ބުނެ އެ މަސައްކަތް ލަސްވަމުންދާ މައްސަލައިގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަރަށް ވެސް ގިނައެވެ. ހަމައެއާއެކު އެ ސްކޫލް އިމާރާތް ނިމެންދެން ކުރިން އެޑިއުކޭޝަން މިނިސްޓްރީން އިއްޒުއްދީން ސްކޫލްގައި އަރަބިއްޔާގެ ދަރިވަރުން ގެންގޮސް ކިޔަވައިދޭން ނިންމި ނިންމުމާ ވެސް ބެލެނިވެރިން ވަނީ ދެކޮޅު ހަދާފައެވެ. އެންމެ ފަހުން އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މިދިޔަ އަހަރުގެ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

މިކަންކަން އޭރު ކުރި ނަމަވެސް އެ ސްކޫލްގެ އިމާރާތް އަޅަން ނިންމި ބާ ޖަމާލުއްދީން ހުރި އިމާރާތް ކަމަށް ނިންމާ ކުރިން އެތަނުގައި ހުރި އިލެކްޝަން ކޮމިޝަންގެ ބައެއް ހިންގަމުން އައި ތަން ހުސްކޮށް އެ އިމާރާތް ތަޅާލުމަށް ވަނީ އަހަރަކަށް ވުނެ ގިނަ ދުވަސް ހޭދަވެފައެވެ. މި ކަމަކީ އަރަބިއްޔާ ބެލެނިވެރިން ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. އިއްޔެ އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުން ޝުޖާއު ވަކިކޮށްފައި ވަނީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ނުހުއްޓުވައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.