އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ނިހާންއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށްފަހު، ނަސޭހަތްދީ، ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން އަންގައިފިއެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ، މެޖިސްޓްރޭޓް ނިހާނަށް ފިޔަވަޅު އަޅަން ނިންމީ ފުލުހުންގެ ބަޔަކު އާންމުންގެ މީހަކު ގޮވައިގެން މާމިގިލީ ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދަން މަސައްކަތް ކުރިއިރު އާންމު މީހާއަށް އެ އަމުރާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާތީ ކަމަށެވެ.

މިއީ ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފް ކަމެއް ކަމަށްވާތީ ސުލޫކީ ފިޔަވަޅެއްގެ ގޮތުން، ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ނިހާނަށް ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު މާމިގިލީ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މެޖިސްޓްރޭޓް ނިހާން 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ނަމަވެސް އެއީ ސައްހަ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި ހައިކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.