ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން ޒުވާނުންގެ ދިސާގެ ނަމުގައި ހިންގާ ކޭމްޕް މިއަދު ފަށައިފިއެވެ.

އެޗްޑީސީން ބުނީ، ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މައުލޫމާތުތަކާއި ހަރަކާތްތަކާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދިސާ ހުޅުމާލޭ ފަރުކޮޅުފުށި ކޮންފެރެންސް ހޯލުގައި މިއަދު ވަނީ ކުރިޔަށް ގެންގޮސްފައި ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 8 ގެ ނިޔަލަށެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 30 ބައިވެރިންނަށް ފުރުސަތު ދެވިގެންދާނެ ކަމަށާއި މި ޕްރޮގްރާމް ހާއްސަ ކޮށްފައި ވަނީ އުމުރުން 16-20 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް އެޗްޑީސީން ބުނެއެވެ.

މި ހަރަކާތަކީ 2019 އިން ފެށިގެން ޔޫތް މިނިސްޓްރީ އާއި ގުޅިގެން އެޗްޑީސީން ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ.

އެޗްޑީސީގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.