މޮރިޝަސް އިން އެދޭ ގޮތަށް ޗާގޯސް އައިލޭންޑްސް އެގައުމަށް ދޫކޮށްލިޔަސް ފޯޅަވަހީގައި ހިންގާ އަސްކަރީ މަރުކަޒު ދެމިއޮންނާނީ އެމެރިކާގެ ދަށުގައި ކަމަށް އިންގިރޭސީން ބުނެފިއެވެ.

ފޯޅަވަހި ނުވަތަ ޑިއޭގޯ ގާސިއާ އަކި ޗާގޯސްގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އިނގިރޭސީންނާއި އެމެރިކާއިން ގުޅިގެން އޮޕަރޭޓް ކުރާ އަސްކަރީ ބޭސް ހަދާފައި ވަނީ އެތާނގައެވެ.

2036 އެއްގެ ނިޔަލަށް އެމެރިކާއަށް ކުށްޔަށް ދީފައި އޮންނަ މި ބޭސްގައި ބޮޑު ރަންވޭއެއްގެ އިތުރުން އަސްކަރީ ތަމްރީނުތަކާއި އަސްކަރީ އެތައް ހަރާކާތްތަކެއް 2 ގައުމު ގުޅިގެން ކުރިއަށް ގެންދެއެވެ.

ޗާގޯސް އަކީ 1814 އިން ފެށިގެން އިންޑިއާ ކަނޑުގައި އޮންނަ ބްރިޓިޝް ޓެރިޓޮރީ (އިނގިރޭސީންގެ ބާރު ހިނގާ ތަނެއް) ގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަން، މޮރިޝަސް އިން ބައިނަލްއަގުވާމީ ކޯޓުތަކާއި އދ ގައި ކުރި މަސައްކަތް ވަނީ ކާމިޔާބު ކޮށްފައެވެ. ރާއްޖެ ހިމެނޭހެން 120 ގައުމަކުން ޗާގޯސް އައިލޭންޑްސް މޮރިޝަސް އަށް ދޫކޮށްލަން ވޯޓު ދީފައި ވާ އިރު، އިނގިރޭސީންވެސް މިހާރު ވަނީ ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް ޗާގޯސް ހަވާލު ކުރުމަށް މޮރިޝަސް އާ ވާހަކަ ދައްކަން ނިންމާފައެވެ.

ޗާގޯސް އަކީ، އިނގިރޭސީންނާއި ފްރާންސްގެ އިސްތިއުމާރީ ބާރުތައް އިންޑިއާ ކަނޑުގައި އޮތް ދުވަސް ވަރު، އެފްރިކާއާއި ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކުން މަސައްކަތްތެރިން ގެންގޮސް ބޭތިއްބި ރަށްތަކެކެވެ. އެމީހުންގެ ސީދާ އާބާދީ ސާފު ނުވިނަމަވެސް 1000 އެއްހާ މީހުން ހިމެނޭ ކަމަށާއި އެމީހުން ތަމްސީލު ކުރާ ޖަމާއަތެއް ވެސް އުފަންކޮށްފައި ވެއެވެ. ޗާގޯސިއަނުންގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތުން، ޗާގޯސް އައިލޭންޑްސް މޮރިޝަސް އަށް ދޫކޮށްލަން ދެކޮޅު ހަދާ އަދުއުފުލާފައި ވީ ނަމަވެސް، އެއިން އެއްވެސް މީހަކީ މިހަކީ މިހާރު ޗާގޯސްގައި ދިރިއުޅޭ މީހެއް ނޫނެވެ.

ޗާގޯސް ދަރިކޮޅުގެ މީހުން އެއްވެ އިނގިރޭސިވިލާތުގައި އަޑުއުފުލަނީ ---

އިނގިރޭސީން ފޯޅަވަހި އެމެރިކާއަށް ކުށްޔަށް ދިނުމުގެ މަސައްކަތުގެ ތެރެއިން، 1970 އާ ހަމައަށް، އެތާގައި އޭރު ދިރިއުޅުނު އެންމެން ވަނީ ބާލާ ހުސްކޮށްފައެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަލީ ވިދާޅުވީ، މޮރިޝަސް އާ އިނގިރޭސީން ވާހަކަ ވާހަކަ ދައްކަން އެއްބަސްވެފައި ވާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު ހައްލެއް ހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ މަޝްވަރާތަކުގެ ބޭނުމަކީ ޗާގޯސްގައި ދިރިއުޅުނު މީހުންނަށް ވެސް ގާނޫނީ އިމުގެ ތެރެއިން ހައްލެއް ހޯދައި ދިނުމާއެކު ޗާގޯސް އައިލޭންޑްސްގެ މައްސަލަ ހައްލު ކުރުން ކަމަށެވެ. އަދި އެ މަޝްވަރާތަކުން ހޯދަން ބޭނުންވާ އަނެއް ހައްލަކީ، ފޯޅަވަހީގައި އޮތް އަސްކަރީ މަރުކަޒު އެމެރިކާގެ ދަށުގައި ދެމި އޮތުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޗާގޯސް މައްސަލައަކީ ރާއްޖެއާވެސް ގުޅުން ހުރި މައްސަލައެކެވެ. ދުނިޔޭގެ ކަނޑުގެ ގާނޫނާ އެއްގޮތް ވާގޮތުގެ މަތިން ދެގައުމު ދެމެދުގައި ކަނޑައަޅާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު، ޗާގޯސް މޮރިޝަސް އަށް ދޫކޮށްލުމުން ކުޑަވާ މައްސަލަ ބޮޑުވެ ބަހުސަކަށް ވަނީ ވެފައެވެ.

ރާއްޖެއިން އިން ވަކިކުރުމުގެ މައްސަލަ މޮރިޝަސް އާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުގައި ވަކާލާތު ކުރި ނަމަވެސް ޗާގޯސް އިން ފެށިގެން 200 ނޯޓިކަލް މޭލު އަޅާ އިރު ރާއްޖޭގެ އީއީޒެގް ގެ ތެރެއަށް ފުށޫ އަރާ 4000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ގެއްލެއެވެ. އެހެން ކަމުން އާ އިން ކުރަހާއިރު ރާއްޖެއަށް ބައެއް ގެއްލޭނެއެވެ.