ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކްލަބް މޯލްޑިވްސް ކަޕް 2022ގެ ފައިނަލް މެޗް ބައްލަވާލައްވާ، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެެއްވައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮތީ ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 'ކިންގް އޮފް ފުޓްސަލް' އެވޯޑް ހަވާލުކޮށް ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކްލަބް މޯލްޑިވްސް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ހަވާލުކޮށް ދެއްވާފައެވެ.

ކްލަބް މޯލްޑިވްސް ކަޕް 2022ގެ ފައިނަލް މެޗުގައި ކުޅެފައި ވަނީ ފެނަކަ ޓީމާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޓީމެވެ. އަދި މި މެޗު 2-1 އިން އެމްޕީއެލް ޓީމު ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ފެނަކަ ޓީމެވެ.

ކްލަބް މޯލްޑިވްސް ކަޕް 2022ގައި 31 ޓީމުން ވަނީ ބައިވެރިވެފައެވެ. އަދި ކްލަބް މޯލްޑިވްސް އިން މި މުބާރާތުގެ ތެރެއިން 'އެއިޓީން ތާޓީ 2022' ގެ ނަމުގައި އަންހެން ޓީމުތަކަށް ފުރުޞަތު ދިނުމަށް ބޭއްވި މުބާރާތުގައި 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ކްލަބް މޯލްޑިވްސް ކަޕް ފެށުނީއްސުރެ، ކްލަބް މޯލްޑިވްސުން އަންނަނީ އިޖުތިމާއީ މައްސަލަތަކަށް އަހުލުވެރިކޮށް، ރައްޔިތުން ހޭލުންތެރި ކުރުވުމަށް އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންކަމުން މިއަހަރުގެ މުބާރާތުގައި ކްލަބް މޯލްޑިވްސްއިން ޕްރޮމޯޓް ކުރަނީ ބްލައިންޑް އެސޯސިއޭޝަނެވެ.

މީގެ އިތުރުން ކްލަބް މޯލްޑިވްސުން މި އަހަރު މުޅިން އަލަށް 'އެކޮއި' ޓެބެއް ވަނީ ކްލަބް މޯލްޑިވްސް ވެބްސައިޓްގައި ހިމަނާފައެވެ. 'އެކޮއި' ގައި ހިމެނެނީ ކްލަބް މޯލްޑިވްސް ކަޕް 2022ގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ މައުލޫމާތުތަކެވެ.