މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހދ. ކުޅުދުއްފުށީގައި ޕެރޭޑެއް މިއަދު ބާއްވައިފިއެވެ.

ނަސްރުގެ ދުވަހުގެ ބަތަލު، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ އުފަން ރަށް، ކުޅުދުއްފުށީގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ބައެއް ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފް ބައިވެރިވެޑައިގެންނެވިއެވެ.

މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެފައިވާއިރު ފެރޭޑުގެ ހަރަކާތަށްފަހުގައި ކުޅުދުއްފުށީގެ ދަނޑުގައި އެފްއާރްއެސްއާއި ކޯސްޑްގާޑުގެ މެރިންސްގެ އިތުރުން ޕެރޭޑްގައި ހަރަކާތްތެރިވި ސިފައިންނާ ޕެރޭޑްގެ ހަރަކާތްތައް ބަލަން ނިކުތް ކުޑަކުދިންނާއިއެކު އިންޓަރެކްޝަން ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާރިޔާ ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރަތުގައި ހުސައިން އާދަމްގެ އާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި ހާލު ބައްލަވާފައިވާއިރު މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތްތަކާވެސް ވަނީ ބައްދަލުކުރައްވާފައެވެ.