ށ. ފުނަދޫ ބަނދަރުގައި އޮތް މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުނަދޫ ކައުންސިލްގެ މެންބަރު ހުސައިން އަރީފް "ދަ ޕްރެސް" އާ ވާހަކަދައްކަމުން ވިދާޅުވީ ރޯވީ ކޮންތާކު އަދި ކިހިނެތް ކަމެއް ސީދާ ނޭނގޭ ކަމަށެވެ. އެހެންނަމަވެސް އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު ކަމަށާއި ބަނދަރުގައި އެވަގުތު އޮތް އެހެން ރަށްރަށުގެ ކަންނެލި އޮޑިތައްވެސް ވަގުތުން އައިސް ނިއްވަން އެހީތެރިވި ކަމަށެވެ.

ހުސައިން ވިދާޅުވީ ފުނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެ ރަށުގެ އޮޑި ދޯނި ފަހަރުގައި އުޅޭ މީހުންގެ އިތުރުން އެއާޕޯޓު ފަޔާއިންވެސް ގޮސް އަލިފާން ނިއްވަން މަސައްކަތް ކުރި ކަމަށާއި ގާތްގަނޑަކަށް 12:15 ހާއިރު އެއްކޮށް އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އޭނާ ބުނީ އަލިފާން ރޯވެފައިވަނީ ފައިބަރު ދޯންޏެއް ކަމަށާއި ދޯނީގެ ވަރަށް ބޮޑުބައެއް އަދާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ފުނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަަމށް 11:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަަމަށާއި އަލިފާން މިހާރު ނިއްވާފައިވާ ކަަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަަމަށާއި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.