ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހަށިގަނޑުގައި ރައްކާކޮށްގެން ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކުތަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ފުލުހުން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ:

  • ހއ. ބާރަށް / ޕާޓްރާ، އަލީ ތަސްލީމް (39އ)
  • ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ)

ފުލުހުން ބުނީ އޮޕަރޭޝަނުގައި ބާރަށު ޖެޓީ ސަރަހައްދުން މި ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

މި ދެ މީހުންގެ އިތުރުން ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 8 ގައި ހިންގި އޮޕަރޭޝަނެއްގައި ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުހީ (30އ) ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ފުނަދޫ ބަނދަރުމަތިން އާދަމް ފަތުހީ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރަފުއްދީން ބަންދުގައި ބެހެއްޓުމަށް 7 ދުވަސް އަދި އަލީ ތަސްލީމް ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އާދަމް ފަތުހީގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަތައް އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.