ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫއަށް ޖެއްސީ އިއްޔެ އިރުއޮއްސި 7:30 ގައި ކަމަށާއި، މި ފްލައިޓުގައި އެމްއޭސީއެލް އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ އޮފިޝަލުން ފުނަދޫއަށް ވަޑައިގެންނެވި ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އިއްޔެގެ ޓެސްޓް ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަ ދީފައިކަމަށާއި، ފުނަދޫ އެއާޕޯޓް ތަރައްގީ ކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

ރައީސް މުއިއްޒުގެ ވައުދުފުޅުގެ ތެރެއިން ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް, އަމަލީ މަސައްކަތް ފެށީ ށ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި 15 އޮކްޓޫބަރު 2025 ގައި ބޭއްވި ރަސްމިއްޔާތެއްގައިކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ފުނަދޫ އެއާޕޯޓުގައި ލައިޓުތައް ޖަހައި ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްއޭސީއެލް އިން ވަނީ 2020 ވަނަ އަހަރު ހުޅުވި ފުނަދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ލައުންޖެއް ހެދުމާއި ރެސްޓޯރެންޓަކާއި ޓާމިނަލްގެ ފެންވަރު މަތިކުރުމާއި ބެގޭޖް ކޮންވެޔޯ ބެލްޓް ހަރުކުރުމުގެ އިތުރުން ރަންވޭގެ ދިގުމިން އިތުރުކުރުމުގެ މަަސައްކަތް ހިމެނޭކަމަށް ބުނެފައެވެ.