ށ. ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު، މުހައްމަދު މަމްދޫހް (މަންޑޭ) އަށް ސިހުރު ހެދި ކަމުގެ ތުހުތުގައި ހައްޔަރުކުރި 60 އަހަރުގެ ދިވެހި ފިރިހެން މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފަހުން ކޯޓަށް ގެންދިޔަ ދުވަހު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. މި މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރި އެމީހާގެ ބަންދަށް އޭރު ވަނީ 15 ދުވަސް ޖަހާފައެވެ. އެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ އެމީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މަމްދޫހު އަށް ސިހުރު ހެދި ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅަށެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މިއީ ސިޔާސީ ގޮތުން އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ހިންގާ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުނަދޫ އިން 'ދަ ޕްރެސް' އާ ވާހަކަދެއްކި މީހަކު ބުނީ މަމްދޫހު އަށް ސިހުރު ހަދާފައި ވަނީ މަމްދޫހު އިންތިހާބުވުމާ ގުޅިގެން އުފާ ފާޅުކުރި ރޭ ކަމަށެވެ. އޭނާ ބުނިގޮތުގައި ސިހުރު ހެދުމުގެ ގޮތުން 'ކަބީލާ ލޮއި' ގައި މަމްދޫހުގެ ނަމާއި ގުރުއާންގެ އާޔަތްތައް ލިޔެ ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްގަހަށް ވަނީ ޖަހާފައެވެ. އަދި އެ ލޮއިތައް ގަސްގަހަށް ޖަހަނިކޮށް އެ ރަށުގެ ބައެއް މީހުންނަށް ފެނިފައި އެބަހުރި ކަމަށްވެސް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން މަމްދޫހުގެ ސަޕޯޓަރުން އެ ރަށުގެ މަގުތަކަށް ނުކުމެ އިހުތިޖާޖުވެސް ކޮށްފައިވެއެވެ.