ޕާޓީ ބައިބައިކުރަން މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކުރާ މަސައްކަތް ޕީޕީއެމްއިން ކުށްވެރިކޮށްފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިދިކޮޅު ކޯލިޝަނުގެ ދާއިރާ އިންތިހާބުގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދާކަން ފާހަގަކުރެވޭ ކަމަށާއި ޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުންވެސް އެ އިންތިހާބުގެ ތެރެއަށް ވަދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކެއް ކުރަމުންދާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.
ޕީޕީއެމްއިން ބުނީ އެ ޕާޓީގެ މެންބަރު ކަމުން ވަކިކޮށްފައިވާ ކައުންސިލަރު ނަޙުލާ އެ އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ބުނަމުންދާ ކަމާއި ޕާޓީގެ ރައީސް ގެ ތާއީދު އޮތީވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތްކުރުމާއި މީހުންނާ ބައްދަލުކުރުމާއި އަދި ތަފާތު ފޯރަމްތަކުގައިވެސް އެގޮތަށް ބުނަމުންދާ ކަމަށެވެ. އެކަން އެ ޕާޓީއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ނަޙުލާއަކީ ޕީޕީއެމްގެ އެތެރޭގެ ކަންކަމާއި ބެހި ބަސް ބުނުމުގެ ހައްގު އެއްގޮތަށްވެސް ލިބިގެންވާ މީހެއް ނޫން ކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.