ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި އޭނާގެ ފަޔަށް ވަޒަން އަރައިފިއެވެ.
ސްކައި ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިމްރާންގެ ފަޔަށް ބަޑިޖަހާފައި ވަނީ އަވަހާރަ ކޮށްލަން ދިން ހަމަލާއެއްގެ ގޮތުގައި ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބަޑިޖެހި މީހަކު ބަޑިޖަހާފައި ވަނީ ވަޒީރްއާބާދުގައި ބޭއްވި ޖަލްސާއެއްގައި އޭނާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ. އެހެންނަމަވެސް އަަވަހާރަކޮށްލަން ދިން ހަމަލާއިން އޭނާ ސަލާމަތްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
އޭޕްރީލް މަހު ވެރިކަމުން ދުރުކުރުމަށް ފަހު އާ އިންތިހާބެއް ބޭއްވުމަށް ބާރު އަޅުއްވަމުން ގެންދަވާ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ގަޔަށް ބަޑިޖެހުމުގެ ހާދިސާ ހިނގާފައި މިވަނީ ގައުމަށް އަވަސް އިންތިހާބެއް ގެނައުމަށް ކުރާ މަސައްކަތުގައި ލާހޯރުން އިސްލާމްއާބާދަށް ހިނގާލުން ފެށިތާ ހަ ދުވަސް ފަހުންނެވެ.
އޭނާގެ ވާހަކަ އަޑުއަހަން ގިނަ ބަޔަކު އެއްވެފައި ތިބިއިރު ސްކައިގެ ޕްރޮޑަކްޝަންގެ ކޯޑެލިއާ ލިންޗް ހުރީ އެތަނުގައި ކަމަށާއި އޭނާ ކުރީގެ ކްރިކެޓްކުޅުންތެރިޔާއާ އިންޓަވިއުގައި ހުއްޓާ ކުއްލި އަޑުފައްގަނޑެއް އިވުނު ކަމަށާއި އެމްބިއުލާންސް ތަކުގައި މީހުން ގެންދާތަން ފެނުނު ކަމަށް އެ ނޫހުގައި ވަނީ ލިޔެފައެވެ.
އެންމެންވެސް ތިބީ ވާނުވާ ނޭނގޭ ހާލަތުގައި ކަމަށާއި އިމްރާން ނިކުންނެވި އިރު ވައަތު ފަޔަށް ވަޒަން އަރާފައި ހުރި ކަމަށް ބުނެއެވެ.