އިގްތިސޯދުގެ އެއް ފައި ބިނދިފައިވަނިކޮށް ޓެކްސް އިތުރުކުރުމަކުން ނެތް ކިރެއް ނުނިކުންނާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިފަދައިން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޖެނެރަލް ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ބޮޑު ކުރުމުން މުދަލާއި ހިދުމަތުގެ އަގު 2.5 ޕަސަންޓުން އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވަނިކޮށެވެ.

މިހާރު ހަ ޕަސަންޓުގައި ނަގަމުންދާ ޖީއެސްޓީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަށް ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާއިރު ޓެކްސް ބޮޑު ކުރުމުގެ ސީދާ އަސަރު އިންފްލޭޝަނަށް ކުރާނީ ގިނަވެގެން އެއް ޕަސަންޓު ކަމަށް ސަރުކާރުން ބުނެއެވެ.

އެކަމާ ގުޅިގެން ބޮންޑޭ ވިދާޅުވީ ކޮވިޑުގެ ތެރޭގައި އިގްތިސާދުގެ އެއް ފައި ބިނދިފައިވާ ދަނޑިވަޅެއްގައި ދިރިއުޅުމުގެ އަގުމަތިވާ ޓެކްސް އިތުރުކުރުމަކުން ނެތްކިރެއް ނުނިކުންނާނެ ކަމަށެވެ. އަދި 2011 ވަނަ އަހަރު އެކަން ކުރަން ކޮންމެ އަހަރަކު ލިބޭ 1.5 ބިލިއަން ރުފިޔާގެ ޑިއުޓީނެގުން ހުއްޓާލި ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމުމާ ގުޅިގެން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންވެސް އަންނަނީ ފާޑުވިދާޅުވަމުންނެވެ.