ފަނޑިޔާރުންނަށް ފާރަލި ކަމުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފައިވާ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް، އިއްޔެ އެ ވަޒީފާ އިން ވަކިކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ބަޔާނެއްގައި ބުނީ، ފާއިޒް ވަޒީފާ އިން ވަކިކުރީ:
- ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް ސުޕްރީމް ކޯޓުގައި ކެމެރާ ހަރުކޮށް، އޭނާގެ ކޮޓަރި އަށް ފީޑްބެކް ލިބޭ ގޮތް ހަދާފައި ވާތީ ކަމަށް
- ކެމެރާ ހަރުކުރުމަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ، ދައުލަތުގެ މާލިއްޔަތު އުސޫލުތަކާ ހިލާފަށް ހަރަދުކޮށްފައި ވާތީ ކަމަށް
ހަމަ އެއާއެކު، ސުޕްރީމް ކޯޓުގެ މުވައްޒަފުން އަމަލުކުރަން ދީފައިވާ އިރުޝާދުތަކާ ހިލާފުވެ، ފާއިޒް ވަނީ މުވައްޒަފުންނަށް ނުބައި ނަމޫނާ އެއް ދައްކާފައި ކަމަށާއި، އެހެންކަމުން، އިދާރީ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް، އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން، މިދިޔަ މާޗް މަހުން ފެށިގެން އިއްޔެ އާ ހަމައަށް ފާއިޒް ހުރީ ސަސްޕެންޝަންގައެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ފާއިޒް އައްޔަނު ކުރީ 2019 ގައެވެ. އެ މަގާމަކީ ފަސް އަހަރުގެ މަގާމެކެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ކުރިއެރުމާއި، ތަރައްގީގެ މަޝްރޫއުތަކާއި، ބޭނުންވާ ސްޓްރެޓަޖިކް ޕްލޭނާއި މަސައްކަތުގެ ތާވަލު އެކުލަވައި ތަންފީޒުކޮށް ބެލެހެއްޓުމާއި، މޮނިޓާކުރުން ފަދަ މަސައްކަތްތަކެވެ. އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ އިދާރީ ކަންކަން ހިނގަމުން ދަނީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމަކީ ވެސް، ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.