މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ ބާއްވާނީ އަންނަ އަހަރުގެ ޖެނުއަރީ 14 ގައި ކަމަށް އެޕާޓީން ބުނެފިއެވެ.

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން އިއުލާން ކޮށްފައި ވާއިރު އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އަދި މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް އެކަންޏެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލުން ވަނީ ޕާޓީގެ ހިންގުމަށް މުހިއްމު ނިންމުންތަކެއް ނިންމާފައެވެ.

މިގޮތުން ސަރުކާރު ޒިންމާދާރު ކުރުވާ އިދިކޮޅު ޕާޓީއަކަށް އެމްއެންޕީ ބަދަލު ކުރުމަށް ނިންމި ނިންމުމަކީ އެންމެ މުހިންމު އެއް ނިންމުމެވެ.

މިބައްދަލުވުމުގައި ނިންމި މުހިއްމު އަނެއް ނިންމުމަކީ ދައުލަތުން ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރަން ނިންމި ނިންމުމެވެ. އޭގެ އިތުރުން ޕާޓީގެ ގައުމީ ހިންގާ ކައުންސިލުން މިފަދަ ނިންމުމެއް ނިންމި ކަމުގައިވީ ނަމަވެސް، އެމްއެންޕީގެ ސިޔާސަތަކީ ވިޕެއް ނެރެ ވަކި ވަކި މެންބަރުން ވޯޓަށް ނުފޫޒު ނުފޯރުވާ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް މަޖިލީހުގައި ވޯޓު ދިނުމަށް ބާރުއެޅުން ކަމަށްވެސް ޕާޓީން ބުނެއެވެ.

އެމްއެންޕީގެ ފުރަތަމަ ގައުމީ ކައުންސިލް ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާ ބެހޭ ގޮތުންނާއި، ރާއްޖޭގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުންނާއި، މިހާރު ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އެއް މައްސަލަ ކަމަށްވާ ޗާގޯސް މައްސަލަ ހިމެނެއެވެ.

ބަޖެޓާ ގުޅޭ ގޮތުން ކުރި މަޝްވަރާގައި، ސަރުކާރުން ހުށަހަޅާފައި ވަނީ ވަރަށް ބަރު ބަޖެޓެއް ކަމަށާއި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމަށް ރިއާޔަތް ކުރެވިފައި ނުވާ ކަމުގައި ބައެއް މެންބަރުން ފާހަގަކުރި ކަމަށް އެމްއެންޕީން ބުނެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ހުންނަ ގޮތުން އިސްރާފު ގިނަވެފައި ވާކަމާއި، ބަޖެޓުގައި ހިމަނަން ޖެހޭ މުހިއްމު ބައެއް ކަންކަން ހިމެނިފައި ނެތްކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.