ސަރުކާރު ޒިންމާދާރު ކުރުވާ އިދިކޮޅު ޕާޓީއަކަށް އެމްއެންޕީ ބަދަލު ކުރުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލް ބައްދަލުވުމުގައި ނިންމައިފިއެވެ.

އެމްއެންޕީގެ ފުރަތަމަ ގައުމީ ހިންގާ ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާ ކަން އެމްއެންޕީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝިދާތާ ވިދާޅުވީ މިއަދުން ފެށިގެން އެމްއެންޕީ މަސައްކަތް ކުރާނީ ސަރުކާރު ޒިންމާދާރު ކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަން އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޝީދާތާ އަދި އެމްއެންޕީއަކުވެސް ހާމައެއް ނުކުރައްވައެވެ.

އެމްއެންޕީއިން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު އެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.