މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވުމުން، ގއ. ދާންދޫގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން މަޖިލިހަށް ހުށަހަޅާފައި ވަނިކޮށް އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީ އަށް ލުއައްޔު އާ ގުޅޭގޮތުން ހުށަހެޅި 22 މައްސަލައެއް ތަހްގީގުކޮށް ނެރުނު ރިޕޯޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ސާބިތުވީ ދެ މައްސަލައެކެވެ. އެއީ ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއި، އަމިއްލަ ވިޔަފާރީގައި އަމަލީގޮތުން ހަރަކާތްތެރިވި މައްސަލައެވެ.

އަމިއްލަ ވިޔަފާރީގައި އަމަލީގޮތުން ހަރަކާތްތެރިވި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވުމަށް ލުއައްޔު މަސައްކަތް ކުރެއްވި ކަމަށް ވެސް ސާބިތުވެފައިވެއެވެ.

އެހެންކަމުން އޭނާ ވަކިކުރުމަށް އިއްޔެ ވަނީ މަޖިލިހަށް ފޮނުވައިފައެވެ. ނަމަވެސް މަޖިލިހަށް ނަން ފޮނުވާފައި ވަނިކޮށް، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.