މަންމަ އަށް ނިދިފައި އޮއްވާ އަތުގައި އޮތް ދަރިފުޅު ވެއްޓި މަރުވެއްޖެއެވެ.
ލަންޑަންގެ ވޫލްވިޗްގައި ހިނގި މި ހާދިސާގައި މަންމަ އަތުން ދަރިފުޅު ވެއްޓުނީ ސޯފާގައި ކުއްޖާއަށް ބުއްފުޅި ޖައްސައިގެން އޮއްވާ ދެމައިންނަށް ވެސް ނިދިޖެހުމުންނެވެ. އެވަގުތު ކައިރީގައި އިތުރު މީހަކުވެސް ނެތް އިރު މަންމަ އަތުން ބިންމައްޗަށް ވެއްޓުނު ގޮތަށް މަރުވި ކުއްޖާ އަކީ ހަ ހަފްތާގެ ތުއްތު ކުއްޖެކެވެ.
ކުއްޖާ ބައްޕަ ނިދާ ހޭލައިގެން ކޮޓަރިން ނުކުތް އިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އަނބިމީހާ އަތުގައި ދަރިފުޅު ނެތުމުންނެވެ. އެވަގުތު ދަރިފުޅު ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮއްވައެވެ. ކުއްޖާ ނެގި އިރުވެސް އެއްވެސް ހަރަކާތެއް ނެތުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ލިބުނު ގެއްލުންތަކުގެ ސަބަބުން ކުއްޖާ މަރުވީއެވެ. އަދި ސްްކޭން ހެދުމުން އެނގުނީ ކުއްޖާ މަރުވީ ވެއްޓުނު އިރު ބޯ ޖެހުނު ގޮތަކުން ކަމަށާއި ވެއްޓުމުގެ ސަބަބުން ކުއްޖާގެ ސިކުނޑިއަށް ވަރަށް ބޮޑެތި ގެއްލުން ވެފައި ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޯޓުގައި މި މައްސަލަ ކުރިއަށް ދާއިރު ކޯޓަށް ހާޒިރުވި އެންމެންވެސް ބުނީ ކުއްޖާ ވެއްޓުނީ މަންމަ އަށް ނިދިފައި އޮއްވާ ކަމަށާއި އެ ހާދިސާ އަކީ އެކްސިޑެންޓެއް ކަމަށެވެ.
ކުއްޖާގެ ޑޮކްޓަރުންގެ ބަޔާން މިހާރު ކޯޓުން ނަގާފައި ވާއިރު ޑޮކްޓަރުން ބުނީ ކުއްޖާ މަރުވީ ވެއްޓުމުގެ ސަބަބުން ސިކުނޑިއަށް ލިބުނު ގެއްލުންތަކެއްގެ ބޮޑުކަމުން ކަމަށެވެ.